02 Jun 2016, 20:50
ލަންކާގައި އުޅޭއިރު ދިވެހީން ކުރާ ކުށްތައް ތަހުގީގު ކުރުމުގައި ލަންކާ ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ސްރީ ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މޭޖާ ޖެނެރަލް އަޝޯކާ ތޮރަދެނިޔާ އާއި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
ހުސައިން އާދަމް ބިލްޑިންގު ގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވަނީ، ލަންކާގައި ދިރިއުޅެމުންދާއިރު ދިވެހިން ކުރާ ކުށްތަކާއި ދިވެހިންނާ ގުޅޭ މައްސަލަތައް ތަހުގީގު ކުރުމުގައި ދިވެހި ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދީ މައުލޫމާތު ބަދަލު ކުރުމަށް މަޝްވަރާކޮށްފަ އެވެ.
މީގެ އިތުރުން، ރާއްޖޭގައި އުޅޭ ލަންކާގެ ރައްޔިތުންނާ ގުޅޭ މައްސަލަތައް ތަހުގީގު ކުރުމުގައި ލަންކާ ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ކަންކަން ކުރާނެ ގޮތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށްފައިވެ އެވެ.
ބައްދަލުކުރެއްވުމުގައި ސީޕީ އަރީފް ވަނީ، ދިވެހި ފުލުހުންނަށް ބޭނުންވާ ތަމްރީނު ލަންކާއިން ލިބޭނެ ގޮތްތަކާއި ތަހުގީގު ދާއިރާތަކުން ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރެވޭނެފަދަ ފަސޭހަ ގޮތްތަކެއް އިންތިޒާމު ކޮށްދެއްވުމަށް ލަންކާގެ ސަފީރުގެ އަރިހުން އެދިވަޑައިގެންފައެވެ.
ލަންކާގެ ސަފީރު ވިދާޅުވީ ދިވެހި ފުލުހުންނަށް ހުރިހާ ދާއިރާ އަކުން ވެސް ތަމްރީނުގެ ފުރުސަތުތައް އިތުރަށް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.