ރަމަޟާން މަހުގެ މުނާސަބަތުގައި ދިރާގުން އެކުންފުނީގެ ކަސްޓަމަރުންނަށް ދޭ "ބޮޑު ހަދިޔާ" އިޢުލާނުކޮށް، އެ ހަދިޔާ ލިބޭ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި އެވެ.

ދިރާގުގއި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެކުންފުނީގެ އެސިސްޓަންޓް މެނޭޖަރ މާކެޓިންގ އެންޑް ކޮމިއުނިކޭޝަންސް އިބްރާހިމް އިމްޖާދު ޖަލީލް ވިދާޅުވީ، މި ޕްރޮމޯޝަން ޖޫން އެއްވަނަ ދުވަހުން ފެށިގެން ޖުލައި އެއްވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދާ އިރު، މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ޝަރުތަކީ ދިރާގުގެ ކަސްޓަމަރަކަށް ވުން ކަމަށެވެ.

އެގޮތުން، ދިރާގުގެ މޯބައިލް، ޓަޗްނެޓު އަދި ފިކްސްޑް ލައިނާއި ފިކްސްޑް ބްރޯޑްބޭންޑުގެ ހުރިހާ ކަސްޓަމަރުން ޝާމިލުވާ ގޮތަށް ހިންގާ މި ޕްރޮމޯޝަނުގައި، ރަމަޟާން މަހުގެ ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު ގުރުއަތުލައިގެން ނަސީބުވެރިއަކު ހޮވާނެ އެވެ.

ނަސީބުވެރިއަކަށް ހޮވޭ ފަރާތަކަށް، ރީފްސައިޑުގެ ފަރާތުން އެލްޖީ ބްރޭންޑުގެ 4ކޭ އަލްޓްރާ އެޗްޑީ ޓީވީއަކާއި، 8ކޭ ޑައިރެކްޓް ޓްރައިވް ދޮންނަމެޝިން އަދި ޑްރަޔާ، ސްމާޓް ކަނެކްޓް ރެފްރިޖަރޭޓަރަކާއި، ވަޔަލެސް ހައި އެންޑް ސްޕީކަރެއް އަދި ސަޕްރައިޒް ގިފްޓް ހެމްޕާއެއް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ކޮންމެ ހަފްތާއަކު ވެސް ދޭ އިނާމުތަކުގެ އަގު، 50،000 ރުފިޔާއަށް ވުރެ ބޮޑުވާނެ އެވެ.

މި ޕްރޮމޯޝަން ފެށުމުގެ ގޮތުން، މިއަދު ވަނީ ފުރަތަމަ ނަސީބުވެރިއަކު ގުރުއަތުން ހޮވައިފަ އެވެ. ގުރުއަތުން ހޮވުނު ފަރާތަކީ 7872353 ނަމްބަރު ބޭނުންކުރާ ދިރާގު ކަސްޓަމަރެވެ.

ދިރާގު "ބޮޑު ހަދިޔާ" ގެ އިތުރުން، ރަމަޟާން މަހަށް ދިރާގުން ވަނީ އެކުންފުނީގެ ކަސްޓަމަރުންނަށް ވަރަށް ޚާއްސަ ކަންތައްތަކެއް މިއަދު ތައާރަފު ކޮށްފަ އެވެ.