02 Jun 2016, 16:47
މުވާސަލާތީ ކުންފުނި، އުރީދޫ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ރާއްޖޭގައި މޮބައިލް ޕޭމަންޓްގެ ހިދުމަތް ދިނުމަށް ބޭނުންވާ މޮބައިލް ޕޭމަންޓް ސާވިސް ލައިސަންސް މިއަދު ދީފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އެމްއެމްއޭ އިން ބުނީ ދިވެހިރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމް ހަރުދަނާ ގޮތެއްގައި ތަރައްގީކޮށް، ބޭންކިން ހިދުމަތް ފަސޭހައިން ލިބެން ނެތް ފަރާތްތަކަށް ވެސް ރައްކާތެރި އަދި ހަލުވި ނިޒާމެއްގެ ދަށުން ފައިސާގެ މުއާމަލާތްތައް ހިންގޭނެ ގޮތްތަކެއް ހަމަޖެއްސުމަކީ އެ އޮތޯރިޓީން ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ.
އެގޮތުން ދިވެހިރާއްޖެއަކީ މޯބައިލް ފޯނު ނެޓްވޯކް ފުޅާވެފައިވާ ގައުމަކަށް ވާތީ، މޮބައިލް ފޯނު މެދުވެރިކޮށް ފައިސާ ދެއްކުމާއި ފޮނުވުމުގެ ހިދުމަތް ދޭން ފެށުމަކީ އާންމުންނަށް ފަސޭހަތަކެއް ވެގެންދާނެ ކަމެއް ކަމަށް އެ އޮތޯރިޓީން އާންމުކޮށްފައިވާ ބަޔާނެއްގައި ބުންޏެވެ.
އޭގެ އިތުރުން އެފަދަ ޕޭމަންޓް ހިދުމަތްދޭ ފަރަތްތަކުގެ މެދުގައި އިތުރަށް ވާދަވެރިކަން އުފެދިގެންދާނެ ކަމެއް ކަމުގައި ގަބޫލުކުރާ ކަމަށް ވެސް އެ އޮތޯރިޓީން މައުލޫމާތުދެ އެވެ.
އެމްއެމްއޭ އިން ބުނީ އެ އޮތޯރިޓީން މަސައްކަތް ކުރަނީ ދިވެހި ރާއްޖޭގައި މޮބައިލް ފޯނު މެދުވެރިކޮށް ފައިސާ ފޮނުވުމުގެ ހިދުމަތްދޭ ހުރިހާ ފަރާތްތަކުގެ ސިސްޓަމްތައް ގުޅާލެވިގެން އެ ހިދުމަތް ފޯރުކޮށްދެވޭނެ ގޮތް ހަމަޖެއްސުން ކަމަށެވެ.
އެހެންކަމުން ކުރިއަށް އޮތް ތާގައި އެހެން ފަރާތްތަކުން އެ ހިދުމަތް ދޭން ފަށައިފި ނަމަ ދެފަރާތުގެ ކަސްޓަމަރުންގެ މެދުގައި ވެސް މޮބައިލް ފޯނު މެދުވެރިކޮށް ފައިސާގެ މުއާމަލާތް ކުރެވޭނެ ކަމަށް އެ އޮތޯރިޓީން މައުލޫމާތުދެ އެވެ.