ފުޑް އެންޑް ބެވަރޭޖަސް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ފުޑް އެންޑް ބެވަރޭޖަސް ޝޯ، 20 ސްޓޯލާ އެކު މިއަދު ފަށައިފި އެވެ.

ނެޝަނަލް އާޓް ގެލަރީގައި މިއަދު ފެށި ޝޯއަކީ މިހާތަނަށް ރާއްޖޭގައި، ފުޑް އެންޑް ބެވަރޭޖަސް ނުވަތަ އެފްއެންޑްބީ އަށް ހާއްސަކޮށްގެން ބާއްވާ ފުރަތަމަ ޝޯއެވެ. މިއަދު އެ ޝޯ ހުޅުއްވައި ދެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

ހައިރައިޒް އެފްއެންބީ ޝޯގެ ތެރެއިން -- ސަން ފޮޓޯ/އަހްމަދު ޝަރުވާން

ހައިރައިޒް އިން އިންތިޒާމުކޮށްގެން ބާއްވާ އެ ޝޯގައި ވަނީ ފުޑް އެންޑް ބެވަރޭޖަސްގައި ހަރަކާތްތެރިވާ ރާއްޖޭގެ ޖުމްލަ 20 ފަރާތެއް ބައިވެރިވެފަ އެވެ.

ހައިރައިޒްގެ ޖެނެރަލް މެނޭޖަރު ހަބީބާ ހުސައިން (ހަބީ) "ސަން" އަށް ވިދާޅުވީ، އެ ޝޯ އަށް ވަންނަން އާންމުން އެއްވެސް ފީއެއް ދައްކަށް ނުޖެހޭނެ ކަމަށާއި ހުޅުވިފައި ހުންނަ ކޮންމެ ގަޑިއެއްގައި އާންމުންނަށް އެތަނަށް ގޮސް ރަހަތަށް ބަލާލުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

ހަބީ ވިދާޅުވީ، ޝޯ ކުރިއަށްދާ އިރު ކޮންމެ ރެޔަކު ވެސް 10:30ގައި ލަކީޑްރޯއެއް ނަގާނެ ކަމަށެވެ. އެގޮތުން ވަރަށް ބައިވަރު މީހުންނަށް ލަކީޑްރޯގައި އިނާމު ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު އުމަރު އެފްއެންޑްބީ ޝޯ ބައްލަވައިލައްވަނީ ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

"މި އިވެންޓް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ އަސްލު، އަޅުގަނޑުމެންނަކީ ކޮންމެ ދުވަހަކު ވެސް އެފްއެންޑްބީގެ ގިނަ ޕްރޮޑަކްޓްތަކެއް ބޭނުންކުރާ ބައެއް. އެހެންވީމަ މި ގެންގުޅޭ ޕްރޮޑަކްޓްތަކުގެ ވިޔަފާރިކުރާ ފަރާތްތައް އެއްތަނަކުން ދިމާވެ، ޕްރޮޑަކްޓްތައް އިތުރަށް މާކެޓްކޮށް، އާންމުންނަށް ވެސް މިތަކެތީގެ ރަހަތައް ބަލައިލަން ފަސޭހައިން ލިބޭނެ މި ޝޯގެ ސަބަބުން،" ހަބީ ވިދާޅުވި އެވެ.

ޝޯ ކުރިއަށްދާނީ މިމަހު ދޭއް، ތިނެއް އަދި ހަތަރު ވަނަ ދުވަހު އެވެ. މިއަދު ޝޯ ފެށި އިރު މިރޭ 11:00 އާ ހަމައަށް ޝޯ ކުރިއަށްދާނެ އެވެ. އަދި މާދަމާ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 11:00 އަށް ޝޯ ކުރިއަށްދާ އިރު ހޮނިހިރު ދުވަހު މެންދުރު 2:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 12:00 އަށް ޗޯ ކުރިއަށްދާނެ އެވެ.