02 Jun 2016, 16:55
ނޭޝަނަލް އާޓް ގެލެރީގައި މިއަދުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް ކުރިޔަށްދާ ފުޑް އެންޑް ބެވެރެޖެސް (އެފްއެންބީ) ޝޯއަކީ ތަފާތު ހަރަކާތެކެވެ. މިއީ ހައިރައިޒްގެ ފަރާތުން ރާއްޖޭގައި ބާއްވާ، މިފަދަ ފުރަތަމަ އިވެންޓެވެ.
މި މައުރަޒަކީ ރާއްޖޭގައި ކާނާ އަދި ބުއިންތައް އުފައްދާ، ނުވަތަ އެތަކެތި އިމްޕޯޓުކުރާ ފަރާތްތަކުން، އެތަކެތި އާންމުންނަށާއި އެހެން ވިޔަފާރިތަކަށް ދައްކާލައި އެތަކެތީގެ އަޖުމަ ބަލައި، ޕްރޮޑަކްޓްތައް މާކެޓު ކޮށްލުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ.
ހައިރައިޒް އެފްއެންބީ ޝޯ ގެ ތެރެއިން -- ސަން ފޮޓޯ/އަހްމަދު ޝަރުވާން
ނެސްލޭ އިންޓަނޭޝަނަލުން ސްޕޮންސާކޮށް، އަދި ސަނީ އެންޓަޕްރައިޒެސްއާއި އެސްޓްރަބޮން ވެސް ސްޕޮންސަރުންގެ ގޮތުގައި ހިމެނިގެން ކުރިޔަށް ގެންދާ މި މައުރަޒުގައި، ރާއްޖޭގައި ހަރަކާތްތެރިވާ 20 އަށް ވުރެ ގިނަ ކުންފުނިތަކާއި ފަރާތްތަކުން، އެ ފަރާތްތަކުގެ ޕްރޮޑަކްޓްތައް ޝޯކޭސް ކުރާނެ އެވެ.
"އަޅުގަނޑުމެންގެ ކުންފުނީގެ މައިގަނޑު މަގުސަދަކީ ރަނގަޅު ކޮލިޓީ. އަޅުގަނޑުމެންގެ ފެކްޓަރީގައި ތަކެތި ހަދާނީ ވެސް އެފަދައިން. އެހެންވެގެން އަޅުގަނޑުމެންގެ ކޮފީ އަދި ސައި ކެޕްސިއުލްތައް ވެކިއުމްކޮށް ހުންނަނީ. ކޮފީ ވެސް އުފައްދަނީ އެގޮތަށް ފްލޭވާއާ އެކު. މިއީ ތަފާތު ރަހައެއް ލާނެ ޕްރޮޑަކްޓްތަކެއް. މި މެޝިނުން 15 ފްލޭވާގެ ކޮފީ އަދި ސައި ހެދޭނެ،" އިޓަލީގެ ކެފޭ ޑިޓާލިއާގެ މައުލޫމާތު "ސަން"އާ ހިއްސާ ކުރަމުން، އެ ކުންފުނީގެ ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ކޮންސަލްޓަންޓް ޖްއާން މާކޯ ސްޓިއާޓީ ބުންޏެވެ.
ހައިރައިޒް އެފްއެންބީ ޝޯގެ ތެރެއިން -- ސަން ފޮޓޯ/އަހްމަދު ޝަރުވާން
މިފަދަ ގިނަ އަދަދެއްގެ ކުންފުނިތަކަކުން އެކުންފުނިތަކުގެ ޕްރޮޑަކްޓްތައް އެފްއެންބީގައި މާކެޓު ކުރެ އެވެ.
"މިއީ އިޓާލިއަން ޑެޒާޓްތަކެއް. މި އެއްޗެހީގެ ރަހަތަށް ވަރަށް ތަފާތުވެފައި މީރުވާނެ، އަދި މިތަނުގައި އެބަހުރި ރިސޯޓުތަކަށް ބޭނުންވާ، ތަފާތު ފްލޭވާގެ ޓޮނިކް ވޯޓާއާއި ޖޫސް ވެސް. މިއީ ސްޕެނިޝް ޕްރޮޑަކްޓްތަކެއް،" ބްރިޖް އިމްޕޯޓް އެންޑް ޓްރޭޑިންގްއިން ރާއްޖެ އެތެރެކުރާ، އިޓަލީގެ ޑޮލްޗޭރިއާ އަލްބާ، އަދި ސްޕެއިންގެ ލަ ގްލޯރިއާ އަދި ލެޖާސް ޓޮނިކް ވޯޓާ ދައްކާލަމުން އެކުންފުނީގެ ސްޓާފަކު ބުންޏެވެ.
ބައެއް ކުންފުނިތަކުގެ ސްޓޯލުތަކުގައި، ކެއިން ބުއިމުގެ ބާވަތްތަކުގެ އިތުރުން، ފުޑް އެންޑް ހޮސްޕިޓަލިޓީ އިންޑަސްޓްރީގައި ބޭނުންކުރާ ތަށި އަދި ކެއްކުމުގެ ބައެއް ސާމާނު ވެސް އެކި ކުންފުނިތަކުން މާކެޓް ކުރެ އެވެ.
މީގެ އިތުރުން، ސަނީ އެންޓަޕްރައިޒެސް، ލިލީ އިންޓަނޭޝަނަލް، ކޯކާ ކޯލާ، އެސްޓްރަބޮން، ސީގަލް ފުޑްސް، ވަން މާކެޓިން އަދި އެންޒީ ފަދަ، ރާއްޖޭގައި މަޝްހޫރު ވިޔަފާރި ބްރޭންޑުތަކާއި ކުންފުނިތަކުން އެކުންފުނިތަކުގެ ޕްރޮޑަކްޓްތަކުގެ ރަހަތަކާއި ކޮލިޓީ، މި މައުރަޒުގައި އާންމުންނަށް ދައްކާލާނެ އެވެ.
ހައިރައިޒް އެފްއެންބީ ޝޯ ގެ ތެރެއިން -- ސަން ފޮޓޯ/އަހްމަދު ޝަރުވާން
މީގެ އިތުރުން، މަޝްހޫރު ރެސްޓޯރަންޓް އަކޯޔާ ފިއުޝަންގެ ފަރާތުން އެތަނުގައި ކެންޓީނުގެ ޚިދުމަތް ވެސް ދެމުން ދާނެ އެވެ.
މި އެގްޒިބިޝަން ކުރިޔަށް ދަނީ ލަކީޑްރޯއަކާ ވެސް އެކުގަ އެވެ. އާންމުންނަށް ހުޅުވާލައިގެން ކުރިޔަށްދާ މި މައުރަޒަށް ޒިޔާރަތް ކުރާ ކޮންމެ ފަރާތަކުން ވެސް ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އޮންނަ އިރު، ކޮންމެ ދުވަހަކު ވެސް އެތަނަށް ޒިޔާރަތް ކުރާ އެންމެންގެ މެދުގައި ގުރުއަތުލައި، އަގުހުރި އިނާމުތަކެއް ދޫކުރާނެ އެވެ.
ހައިރައިޒް އެފްއެންބީ ޝޯ ގެ ތެރެއިން -- ސަން ފޮޓޯ/އަހްމަދު ޝަރުވާން
ހައިރައިޒްގެ ޖެނެރަލް މެނޭޖަރު ހަބީބާ ހުސައިން ވިދާޅުވީ، އިނާމުތައް ހުށަހަޅާފައި ވަނީ، މައުރަޒުގައި ބައިވެރިވާ ބައެއް ކުންފުނިތަކުގެ އިތުރުން މުނި ހޯމްކެއާ އިން ކަމަށާއި ތަފާތު އިނާމުތަކެއް ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ހައިރައިޒްގެ އެފްއެންބީ ޝޯ، މިއަދުން ފަށައިގެން މި މަހުގެ ހަތަރެއް ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެ އެވެ. ހައިރައިޒް އިން އުންމީދު ކުރަނީ، މި ޝޯގެ ޒަރިއްޔާއިން، ފުޑް އެންޑް ބެވެރޭޖް ދާއިރާގައި ރާއްޖޭގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޕްރޮޑަކްޓްތައް އެއް ފުރާޅެއްގެ ދަށުން އާންމުންނަށާއި އެހެން ވިޔަފާރިވެރިންނަށް ދައްކައިދިނުމެވެ.