15 May 2011, 15:59
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން )އެމްޓީޑީސީ(ގެ ސާފު ފައިދާ 2009 ވަނަ އަހަރަށް ވުރެ މިދިޔަ އަހަރު 34.8 ޕަސެންޓް ދަށަށް ގޮސް، 86 މިލިއަން ރުފިޔާ އިން 56.3 މިލިއަން ރުފިޔާ އަށް ދަށްވެއްޖެ އެވެ.
އެމްޓީޑީސީން މިއަދު ނެރުނު 2010 ވަނަ އަހަރުގެ އަހަރީ ހިސާބުތަކުން ދައްކާ ގޮތުގައި 2009 ވަނަ އަހަރު 248 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާ ކުންފުންޏަށް މިދިޔަ އަހަރު ލިބިފައި ވަނީ 220.3 މިލިއަން ރުފިޔާ އެވެ. އެއީ 27.7 މިލިއަން ރުފިޔާ މަދު އަދަދެކެވެ. ނަތީޖާއެއްގެ ގޮތުން ކުންފުނީގެ ޖުމްލަ ފައިދާ ވަނީ 15 ޕަސަންޓް ދަށްވެފަ އެވެ.
ސައުވީސް ހާއަށް ވުރެ ގިނަ އާއްމު ހިއްސާދާރުން ހިމެނޭ އެމްޓީޑީސީގެ ހިއްސާއަކަށް ޖެހޭ އަގުވެސް ވަނީ 29.74ރ. އަށް ވެއްޓިފަ އެވެ. މިއީ 2009 ވަނަ އަހަރު ހިއްސާއަކަށް ޖެހުނު 45.6 ރުފިޔާއާ އަޅާބަލާއިރު 34.78 ޕަސަންޓުގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ ސާފު ފައިދާއިން ހިއްސާދާރުންނަށް ފައިސާ ބަހާފައެއް ވެސް ނުވެ އެވެ.
އެމްޓީޑީސީގެ ޑިރެކްޓަރުންގެ ރިޕޯޓުގައިވާ ގޮތުގައި، އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ފަތުރު މޯލްޑިވްސްއާ އެކު ހަދައިފައިވާ ގދ. ވޮޑަމުލާގެ އެގްރިމެންޓް ބާތިލުކުރަން ޖެހުމެވެ. އެ އެގްރިމެންޓް ބާތިލުވީ، މަސައްކަތާ ހަވާލުވި އެމްޓީޑީސީގެ ސަބްޒިޑަރީ ކުންފުންޏެއް ކަމަށްވާ ފަތުރު މޯލްޑިވްސް އުވާލުމުން ކަމަށާއި ވޮޑަމުލާއިން ލިބޭނެ ކަމަށް ލަފާކުރި 37.1 މިލިއަން ރުފިޔާ ނުލިބޭނެ އެއްޗެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ ކަމަށް އެމްޓީޑީސީން ބުނެ އެވެ.
އެކަމުގެ ސަބަބުން އެމްޓީޑީސީގެ ޖުމްލަ އެސެޓުތަކުގެ އަގުވެސް ވަނީ ހަ ޕަސަންޓް ދަށްވެފައި ކަމަށް ރިޕޯޓުގައިވެ އެވެ.
އެހެންނަމަވެސް، ސާފު އެސެޓް ވަނީ 519 މިލިއަން ރުފިޔާ އަށް އިތުރުވެފައިވާ ކަމަށާއި އެމްޓީޑީސީގެ ހިއްސާދާރުންގެ ރައުސުލްމާލު ވެސް ވަނީ 243 މިލިއަން ރުފިޔާ އިން 255 މިލިއަން ރުފިޔާ އަށް މިދިޔަ އަހަރު އިތުރުވެފައި ކަމަށް އެމްޓީޑީސީން ބުނެ އެވެ.
މީގެ އިތުރުން ޑިރެކްޓަރުންގެ ރިޕޯޓުގައި ބުނަނީ، 2008 ވަނަ އަހަރުގެ ފަހުކޮޅު އައި މާލީ ހީނަރުކަމުގެ ސަބަބުން ގިނަ ރިސޯޓުތައް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް މަޑުޖެހުނު ކަމަށެވެ. އެއީ ރިސޯޓް ތަރައްގީ ކުރުމަށް ލޯނު ލިބުމުގައި ދަތިވުމުން ކަމަށާއި އެކަމަށް އަދިވެސް އެދެވޭ ހައްލެއް އައިސްފައިނުވާ ކަމުގައި ބުނެފައިވެ އެވެ.
އެގޮތުން އެމްޓީޑީސީއަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ނުވަ ރަށުގެ ތެރެއިން ތަރައްގީ ކުރުމުގެ މަރުހަލާގެ ތެރޭގައިވާ ހަތް ރަށުގެ ޕްލޭން އިސްލާހްކުރަން ޖެހުނު ކަމަށް ވެސް އެމްޓީޑީސީން ބުނެ އެވެ. ނަމަވެސް، އޭގެ ތެރޭގައި ނުހިމެނޭ ސ. ހެރެތެރެ އާއި ބ. ކިހަވަށް ކުރަވަޅި ހިންގުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
ރިސޯޓުތައް ތަރައްގީ ކުރުމަށް މިދިޔަ އަހަރު އެމްޓީޑީސީން ހަރަދުކޮށްފައި ވަނީ 20.3 މިލިއަން ރުފިޔާ އެވެ.
އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ މުހައްމަދު މިހާދު ވިދާޅުވެފައި ވަނީ، 2010 ވަނަ އަހަރު ނިމިފައިވަނީ އެމްޓީޑީސީއަށް "ދަތި އުނދަގޫ އަހަރެއްގެ" ގޮތުގައި ކަމަށާއި ރިސޯޓު ތަރައްގީ ކުރުމަށް ދަރަންޏަށް ފައިސާ ލިބުން ވެސް ވަރަށް ބޮޑަށް ދަށަށް ގޮސްފައި ކަމަށެވެ. ނަމަވެސް، ފާއިތުވި މާލީ އަހަރަށް ވުރެ މިއަހަރު ރަނގަޅުވާނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ.
ފާއިތުވި ދެ އަހަރުތެރޭ އެމްޓީޑީސީގެ އާމްދަނީއާއި ފައިދާ ވެސް ދަށްވެފައިވާ އިރު، ބާޒާރުގައި އެކުންފުނީގެ ހިއްސާގެ އަގު މިދިޔަ އަހަރު އެވްރެޖްކޮށް ހުރީ 175ރ. ގައި ކަމަށް ރިޕޯޓުގައިވެ އެވެ. މިދިޔަ އަހަރު ހިއްސާ ވިއްކި އެންމެ ބޮޑު އަގަކީ 199ރ. ކަމަށާއި އެންމެ ދަށްކޮށް ވިއްކާފައި ވަނީ 119ރ. އަށް ކަމަށް ވެސް އެމްޓީޑީސީން ބުނެފައިވެ އެވެ. އެމްޓީޑީސީން ބުނާ ގޮތުގައި، އެކުންފުނީގެ ހިއްސާދާރުންގެ އިތުބާރަށް އުނިކަމެއް އައިސްފައެއް ނުވެ އެވެ.
ނަމަވެސް، އެމްޓީޑީސީގެ 2009 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ، ހަތަރު ފަހަރެއްގެ މަތިން ނޯޓިސް ދީގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު ފަހުކޮޅުގައި ބާއްވާ، ހިއްސާއަށް ޖެހުނު ފައިދާ ނުބެހުމަށް އެ ޖަލްސާގައި ނިންމުމުން ވަނީ ހިއްސާދާރުން ރުޅިގަދަވެ، ޖަލްސާ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. ދެހާސް ދިހަ ވަނަ އަހަރުގެ އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 31 ގައި ބާއްވަން މިހާރު ވަނީ ނިންމައިފަ އެވެ. އެ ދުވަހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައި ވަނީ ހަތަރު ވަނަ އާންމު ޖަލްސާ ޔައުމިއްޔާ ފާސްކުރުމާއި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުންގެ ރިޕޯޓް ހުށަހެޅުމާއި ފާސްކުރުމުގެ އިތުރުން ހިއްސާދާރުންނަށް ބަހާނެ ފައިދާއާ މެދު ގޮތެއް ނިންމުމާއި އޮޑިޓަރުންގެ އުޖޫރަ ކަނޑައެޅުމެވެ.