ރަސްމީ ދަތުރުފުޅެއްގައި ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން މާލެ ވަޑައިގަތުމުން މާލޭ އެއް ނަންބަރު ފާލަމުން މަރުހަބާ ކިޔާފައި ވަނީ، ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުން މަޖިލީހުގެ ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންނާއި ސަރުކާރުގެ އެކި މަގާމުތަކުގެ އިސްވެރިންނެވެ.

ރައީސްގެ ދެކަނބަލުން މެލޭޝިއާ އަށް ފުރާވަޑައިގަތީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އަދި އިއްޔެ ވަގުތެއްގައި ރައީސްގެ ދެކަނބަލުން ވަނީ މެލޭޝިއާ އިން ފުރާވަޑައިގެންފަ އެވެ. ނަމަވެސް މަލޭޝިއާ އިން ރައީސް ވަޑައިގަތީ ކޮންތަނަކަށް ކަމެއް ރައީސް އޮފީހަކުން ނުބުނެ އެވެ.

ރައީސް އޮފީހުން މީގެ ކުރިން ބުނީ، ރައީސްގެ ދެކަނބަލުން މެލޭޝިއާ އަށް ވަޑައިގަތީ އެ ގައުމުގައި ބޭއްވި "ޕާރމާޓާ އިންޓަނޭޝަނަލް ކޮންފަރެންސް: ޗިލްޑްރަން ބިޔޯންޑް ޓުމޯރޯ" އިފްތިތާހް ކުރުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.

އެ ކޮންފަރެންސްގައި ހައި-ލެވަލް ފޯރަމްގައި، މެލޭޝިޔާ ބޮޑުވަޒީރުގެ އަނބިކަނބަލުން ދާތިން ސެރީ ރޮސްމާހް މަންސޫރު ދެއްވި ދައުވަތަކަށް، ފަސްޓް ލޭޑީ މެޑަމް ފާތުން ވަނީ ތަގުރީރު ކުރައްވައިފަ އެވެ.

މީގެ އިތުރުން މެލޭޝިއާއަށް ކުރެއްވި އެ ދަތުރުފުޅުގައި ރައީސް އަބްދުﷲ ޔާމީން ވަނީ އެގައުމުގެ ބޮޑުވަޒީރު ދާތޯ ސްރީ މުހައްމަދު ނަޖީބް ބިން ތުން ހާޖީ އަބްދުލްރައްޒާގާ ބައްދަލުކުރައްވައި ދެގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.