ބުރަކޮށް އުޅުއްވާ ފަރާތްތަކަށް ރޯދަވީއްލަން ބޭނުންވާ ހެދިކާއާއި ޖޫސް ތައްޔާރުކޮށް ވިއްކާ މާރުކޭޓެއް ކާނިވާ ސަރަހައްދުގައި ހުޅުވުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.

ރޯދަ މަހަށް ބޭނުންވާ ތަކެތި އެއްތަނަކުން ލިބޭގޮތަށް ހުޅުވާ "ރަމަޟާން ފްރެޝް" މާރުކޭޓާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ، ކާނިވާ ޕާކިންޒޯންގައި ބާއްވާ އެ މާރުކޭޓުން ތެލުލަން ނުވަތަ ފިހަން ތައްޔާރުކޮށްފައިވާ ހެދިކާއާއި ތެލުލާފައިވާ ހެދިކާ ލިބޭނެ ކަމަށެވެ. ހަމައެއާއެކު ތާޒާ ފަނި ވަގުތުން ގިރައިދޭ ސްޓޯލްތައްވެސް ހުންނާނެ ކަމަށް ތައުފީގް ވިދާޅުވިއެވެ.

"މިއީ ބިޒީކޮށް އުޅުއްވާ ބޭފުޅުންނަށް ވަރަށް ފަސޭހަ ވާނެކަމެއް، އެމާކެޓަށް ގޮސް ތައްޔާރުކޮށްފައި ހުރި ނުވަތަ ގެއަށްގޮސް ތެލަށްލާން ހެދިކާ ގަނެވޭނެ، ހަމައެއާއެކު ފުރެޝް ޖޫސް ލިބޭނެ." ތައުފީގް ވިދާޅުވިއެވެ.

އެތަކެތި ތައްޔާރު ކުރާ ތަންތަނުގެ ސާފްތާހިރުކަން އިކޮނޮމިކް މިނިސްޓްރީން ބަލަހައްޓައި މޮނީޓާ ކުރާނެ ކަމަށްވެސް ތައުފީގް ވިދާޅުވިއެވެ.

ހެދިކާގެ އިތުރުން ރޯދަމަހަށް ބޭނުންވާ ތަކެތި އެއްތަނަކުން ބަޒާރަށްވުރެ އަގު ބޮޑުނުވާނެހެން އެ މާރުކެޓުން ލިބިގެންދާނެ ކަމަށްވެސް ތައުފީގް ވިދާޅުވިއެވެ. އެމާކެޓުން ލިބޭ ތަކެތީގެ ތެރޭގައި ތަރުކާރީއާއި މޭވާގެ އިތުރުން މަހުގެ ބާވަތްތައް ހިމެނެއެވެ. އޭގެ އިތުރުން ދެ ރެސްޓޯރެންޓެއް އެ މާރުކެޓުގައި ހުރެއެވެ.

އެ މާރުކެޓުގައި 30 ސްޓޯލް ބެހެއްޓުމަށް ނިންމާފައިވާއިރު އެ ސްޓޯލްތަކަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ. ސްޓޯލެއް ދޫކުރަނީ ބޮޑުވެގެން 7000 ރުފިޔާއަށެވެ.

އެ މާރުކެޓު ހުޅުވާފައި ބެހެއްޓުމަށް ނިންމާފައިވަނީ ރޯދަ މަހުގެ ކޮންމެ ދުވަހެއްގެ 14:00 އިން ރޭގަނޑު 1:00 އަށެވެ.

ރޯދަމަހަށް ހާއްސަކޮށްގެން ދިވެހިން ބޭނުންވާތަކެތި އެތެރެކުރާ ފަރާތްތަކާއި އިކޮނޮމިކް މިނިސްޓްރީން ބައްދަލުކޮށް އަގުތައް ބޮޑުވިޔަ ނުދީ ހިފެހެއްޓުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށްވެސް ތައުފީގް ވިދާޅުވިއެވެ.