ހއ. ކެލާ އައިލެންޑް ޑިވެލޮޕްމަންޓް އެންޑް އެންވަޔަރަންމެންޓަލް އެވެއާނަސް ސޮސައިޓީ (އައިޑިއާސް) އިން އިންތިޒާމްކޮށްގެން ބާއްވާ ޔޭޔޭ އައިޑިއާސް ކަޕް 2016ގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ އެކި ރަށްރަށުގެ ކްލަބު ޖަމިއްޔާތަކަށާއި މާލޭގެ އޮފީސް ކުންފުނިތަކަށް ހުޅުވާލައިފި އެވެ.

އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި ކުރިއަށްދާ އައިޑިއާސް ކަޕް ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

މި އަހަރުގެ މުބާރާތުގައި 32 ޓީމަށް ފުރުސަތުދޭން އައިޑިއާސް އިން ނިންމާފައިވާ އިރު، އެ ޓީމުތައް އަށް ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

މި އަހަރުގެ މުބާރާތަކީ ހަ ވަނަ އައިޑިއާސް ކަޕެވެ. ފާއިތުވެދިޔަ ފަސް އަހަރުގައި ވެސް މުބާރާތް ކުރިއަށް ގެންގޮސްފައިވާ އިރު، މި އަހަރުގެ މުބާރާތުގައި ފައިސާގެ އިނާމަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

މިދިޔަ އަހަރު ޗެމްޕިއަން ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅި ނަމަވެސް، މި އަހަރުގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވަނީ 30،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. އަދި ރަނަރަޕް ޓީމަށް މި އަހަރު ކަނޑައަޅާފައިވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމުގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާގެ މަގާމު ހޮވުމަށް ނިންމާފައިވެ އެވެ. ވަނަތަކަށް ހޮވޭ ކުޅުންތެރިންނަށް ޓްރޮފީއެއް ދިނުމަށް އައިޑިއާސް އިން ވަނީ ނިންމައިފަ އެވެ.

އައިޑިއާސް އިން މައުލޫމާތު ދޭގޮތުގައި، މުބާރާތް ބޭއްވުމުގެ މަޤްސަދަކީ ކްލަބު ޖަމިއްޔާ އަދި އެކި ދާއިރާތަކުގެ މެދުގައި ގުޅުން ބަދަހިކުރުން ކަމަށެވެ.

އައިޑިއާސް ކަޕުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމު ޑައުންލޯޑު ކުރުމަށްފަހު 4000 ރުފިޔާގެ ބައިވެރިވުމުގެ ފީ އާއެކު ހުށަހަޅަން ޖެހެ އެވެ. ފޯމުތައް އައިޑިއާސްއާ ހަވާލުކުރުމަށް ނުވަތަ އިތުރު މައުލޫމާތު ހޯދަން ބޭނުންވާނަމަ، އައިޑިއާސްގެ ނަންބަރު 7791484، 7799484 އަށް ގުޅުމުން އެކަން ހަމަޖެހޭނެ ކަމަށް އެ ޖަމިއްޔާ އިން މައުލޫމާތު ދެއެވެ.

އައިޑިއާސް ކަޕުގެ މެއިން ސްޕޮންސަރަކީ މިދިޔަ އަހަރުގެ ވެސް ސްޕޮންސަރު ބީއެޗްއެމް ޓްރޭޑާސްގެ "ޔޭޔޭ" އެވެ.