ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި އެވެ.

ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ހަދިޔާކުރި ކަދުރުތައް ހަވާލުކުރުން އޮތީ މިއަދު މެންދުރު ސައުދީ އެމްބަސީގަ އެވެ. ރާއްޖޭގެ ފަރާތުން ކަދުރުތަކާއި ހަވާލުވެވަޑައިގަތީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އެވެ.

ރާއްޖެއަށް ހަދިޔާ ކުރި ކަދުރުތައް ދިވެހި ސަރުކާރާ ރަސްމީކޮށް ހަވާލު ކުރެއްވުމަށް ސައުދީ ސަރުކާރުގެ ފިނޭންސް މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ޖިހާދު ވިދާޅުވީ 50 ޓަނުގެ ކަދުރު ރާއްޖެއަށް ސައުދީން ހަދިޔާ ކުރުމުން ދޭހަވަގެން ދަނީ ދެގައުމުގައި ޒަމާނުއްސުރެ އޮތް ގުޅުން ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތީ މާތްވެގެންވާ ރަމަޟާން މަސް ކަމަށާއި ކަދުރަކީ އެ މަހުގައި ކެއުން އައުލާކަން ބޮޑު އެއްޗެއް ކަމަށެވެ.

"ރޯދަ މަހަކީ އަޅުކަމުގެ މަސް. އެހެންކަމުން ކަދުރު އޮށަކުން ރޯދަ ވީއްލުމަކީ ސުންނަތެއް." ޖިހާދު ވިދާޅުވި އެވެ.

ރޯދަ މަހާ ދިމާކޮށް ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ކަދުރު ހަދިޔާކުރަމުން އަންނަތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ. އެގޮތުން ފާއިތުވި އަހަރު ވެސް އެގައުމުން ވަނީ ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފަ އެވެ.