02 Jun 2016, 15:21
ހަމްބަންޓޯޓާ (ޖޫން 2): ސްރީލަންކާގެ ރައީސް މާތިރިޕިއްލަ ސިރިސޭނާ ރިސޯޓެއް ހުޅުވާދެއްވުމާ އެކު އެ ހޮޓަލެއްގައި ރޯވެއްޖެ އެވެ.
ލަންކާގެ ދެކުނުގައި އޮންނަ ހަމްބަންޓޯޓާގައި ހުޅުވި 300 ކޮޓަރީގެ ޝަންގްރިއްލާ ރިޒޯޓުގެ ހޮޓަލެއްގައި ރޯވާން މެދުވެރިވި ސަބަބު ބަލަން ފުލުހުން ވަނީ ތަހުގީގު ކުރަން ފަށައިފަ އެވެ.
"އަލިފާން ރޯވީ ހަވާ އަރުވަމުން ދަނިކޮށް ފަނުން ހަދާފައި ހުރި ފުރާޅެއްގައި. އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ. ފަޔާ ބްރިގޭޑުން ވަނީ 10 މިނިޓު ތެރޭގައި އަލިފާން ނިއްވާލާފައި،" ހޮންގްކޮންގުގައި ހުންނަ ޝަންގްރިއްލާގެ ޕަބްލިކް ރިލޭޝަންސް ޗީފް ވިދާޅުވި އެވެ.
ރިޕޯޓުތަކުގައިވާ ގޮތުން ރިސޯޓު ހުޅުވުމަށް ފަހު ރައީސް ސިރިސޭނާ ވަނީ ރިސޯޓުގައި އޮތް ފަރިއްކޮޅަކަށް މަޑުކުރައްވައިފަ އެވެ. ނަމަވެސް، އަލިފާން ރޯވި ވަގުތު ރައީސް ސިރިސޭނާ ހުންނެވީ ހޮޓަލާ 50 ކިލޯ މީޓަރު ދުރުގައި ކަމުން ރައީސަށް އެއްވެސް އަނިޔާއެއް ވެފައި ނުވެ އެވެ. (އޭއެފްޕީ)