މި ހިނގާ އަހަރު ނިމުމުގެ ކުރިން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މަސައްކަތްތައް އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ ސްޓޭންޑަޑިޒޭޝަން (އައިއެސްއޯ 9001) އަށް ބަދަލު ކުރެވޭނެ ކަމަށް އެންވަޔަރަންމެންޓު މިނިސްޓަރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެހެން ވިދާޅުވީ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ އާއި ރީޖަނަލް އިންޓަރގްރޭޓެޑް މަލްޓި-ހަޒާޑް އާރލީ ވަރނިންގ ސިސްޓަމް (ރައިމްސް) އާއި ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދާ "ނެޝަނަލް މޮންސޫން ފޯރަމް" ގެ ފަސް ވަނަ ބައްދަލުވުން ފައްޓަވައިދެއްވައި ދެއްކެވި ވާހަކައިގަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރާ އިރު، އެކަންކަމަށް މީހުން ހޭލުންތެރި ކުރުވޭނީ މީޓިއޮރޮލޮޖިކަލް ދާއިރާ ހަރުދަނާކުރެވިގެން ކަމަށެވެ.

ނެޝަނަލް މޮންސޫން ފޯރަމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

"އެގޮތުން މި އަހަރު ތެރޭގައި މީޓިއޮރޮލޮޖީ އައިއެސްއޯ 9001 ގެ ސްޓޭންޑަޑަށް މީޓިއޮރޮލޮޖިކަލް ސާވިސް ގެނައުމަށް މަސައްކަތް ކުރަމުން މި ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އައިއެސްއޯ ގަބޫލު ކުރާ މިންގަނޑަށް މަސައްކަތް ކުރާ ތަނަކަށް ގައުމީ މޫސުމާ ބެހޭ އިދާރާ ހެދުމަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެދާއިރާގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން މަަދުވުންކަމަށާއި، މިދާއިރާއިން މީހުން ތަމްރީން ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ދިމާވާ ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކޮށް، އެކަންކަމަށް ތައްޔާރުވުމުގައި މި ސަރަޙައްދުގައި ފާހަގަކޮށްލެވޭ ގައުމަކަށް ރާއްޖެ ހެދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނެޝަނަލް މޮންސޫން ފޯރަމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

މޮންސޫން ފޯރަމް އަކީ ޔޫއެން އެސްކޭޕް އިން ފަންޑު ކޮށްގެން ރައިމްސް އިން އެކި ގައުމުތަކުގައި ކުރިއަށް ގެންދާ ފޯރަމެކެވެ. މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން އެ ފޯރަމް ވަނީ ރާއްޖޭގައި ބާއްވައިފަ އެވެ.

އެ ބައްދަލުވުންތަކުގެ ބޭނުމަކީ ސައިންޓިފިކް މައުލޫމާތު، އާންމު ބޭނުންތަކަށް ބައްޓަންކޮށް އެ މައުލޫމާތު އެންމެންނަށް ބޭނުންކުރެވޭ ގޮތުގައި ފޯރުކޮށްދިނުން ކަމަށް މިނިސްޓްރީ އިން ބުނެ އެވެ.

މި ހިނގާ ޖޫން މަހާއި، ކުރިއަށް އޮތް ތިން މަހުގެ މޫސުން ލަފާ ކުރެވޭގޮތް އެ ބައްދަލުވުމުގައި ބައިވެރިންނަ ހިއްސާކޮށް، ފާއިތުވެދިޔަ މޫސުމުގައި ކަމާބެހޭ މުއައްސަސާތަކާއި ޖަމްއިއްޔާތަކުން ކޮށްފައިވާ ތަޖުރިބާތައް ވެސް ހިއްސާ ކުރާނެ އެވެ.