ސައިކޮލޮޖީ އިން ބެޗްލާސް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކަށް އެދާއިރާ އިން ފަރުވާ ދިނުމުގެ ހުއްދަ ދޭނެކަމުގެ އިޝާރާތެއް މޯލްޑިވްސް އެެލައިޑް ހެލްތު ކައުންސިލުން ކޮށްފި އެވެ.

މޯލްޑިވްސް އެެލައިޑް ހެލްތު ކައުންސިލުން ބުނެފައި ވަނީ ސައިކޮލިޖިސްޓެއްގެ ގޮތުގައި ރަޖިސްޓްރީވުމަށް ސައިކޮލޮޖީ އިން ބެޗްލާސް ޑިގްރީއެއް އޮތުމާ އެކު، ސައިކޮލޮޖީގެ ކިޔެވި ދާއިރާއަކުން މާސްޓާސް ޑިގްރީއެއް އޮންނަންޖެހޭނެ ކަމަށެވެ.

"ސައިކޮލޮޖިސްޓްސް އެސިސްޓެންޓް"ގެ ވަގުތީ ހުއްދަ މިދިޔަ އޭޕްރީލް މަހު ގުރެޖުއޭޓްވި ފަރާތްތަކަށް ނުލިބެ އެވެ.

އެކައުންސިލްގެ ރައީސް އަހުމަދު ނިޔާޒު މިއަދު ސަން އަށް ވިދާޅުވީ ބެޗްލާސް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކަށް ވެސް އެ ފަރާތްތަކަށް ކޮންމެވެސް ރަޖިސްޓްރޭޝަނެއް ދެވިދާނެ ކަމަށް އެ ކައުންސިލް އިން މިހާރު ގަބޫލް ކުރާ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަނީ އެފަރާތްތަކަށް ކޮންމެވެސް ކަހަލަ ރަޖިސްޓްރޭޝަނެއް ދޭން ޖެހޭ ކަމަށް. އެކަމާ ގުޅޭ ގޮތުން މިއަދު އަޅުގަނޑުމެން އެބަ އިށީންނަން." ނަޔާޒު ވިދާޅުވި އެވެ.

އެކައުންސިލްގައި އެދާއިރާގެ ބޭފުޅަކު މިހާރު ނެތްއިރު އެކަން ކުރަނީ އެކްސްޕާޓުންގެ ލަފާގެ މަތިން ކަމަށާއި އެބޭފުޅުންގެ ލަފާއަކީ މާސްޓާސް ފެންވަރުގެ ފަރާތްތަކަށް ހުއްދަދިނުމަށް ކަމަށް ނަޔާޒު ވިދާޅުވި އެވެ.

ނަފްސާނީ ބައްޔަށް ފަރުވާދޭ، މޯލްޑިވްސް އިނިސްޓިޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސް ޓުރެއިނިން އެންޑް ރިސާޗް(މިޕްސުޓާ) އާއި އިންސްޓިޓިއުޓް ފޯ ކައުންސެލިން އެންޑް ސައިކޮތެރަޕީ (އައިސީޕީ) އިން ވަނީ އެ ދެ ކުލިނިކްގައި މަސައްކަތް ކުރާ ސައިކޮލޮޖިސްޓުން ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީ ނުކޮށްދޭތީ އެދެ ކުލުނިކް ހިންގުން ހުއްޓުމަކަށް އައިސްފައިވާ ކަމަށް ބުނެފަ އެވެ.