އެމްއެންބީސީގެ ޑިރެކްޓަރުންގެ ބޯޑާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޕްރެސް ސެކެޓްރީ މުހައްމަދު ޒުހެއިރު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އެ ބައްދަލުވުމާ ބެހޭ ގޮތުން ޒުހެއިރު ވިދާޅުވީ މިއަދު ހަވީރު އެމްއެންބީސީގެ ޑިރެކްޓަރުންގެ ބޯޑާ އެކު ރައީސުލްޖުމްހޫރިއްޔާ ބާއްވަވާ އެ ބައްދަލުވުމަކީ ދައުލަތުގެ މީޑިއާ އެމްބީސީއާ ހަވާލުކުރުމަށް މިހާރު ކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން ބާއްވަވާ ބައްދަލުވުމެއް ކަމަށެވެ. އަދި އެބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައް ވާނީ ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑު އާ ބޯޑެއްގެ ދަށަށް ދިޔަ ކަމުގައި ވީނަމަވެސް އެ ދެތަނުގެ މުވައްޒަފުންނަށް ދެރަގޮތެއް ސަރުކާރުން ވިޔަ ނުދެއްވާނެ ކަމުގެ ޔަޤީންކަން މުވައްޒަފުންނަށް ދެއްވުމަށާއި އާ ބޯޑެއް އައުމުގެ ކުރިން ބަދަލުދޭން ޖެހޭ ފަރާތްތަކަށް ބަދަލު ދިނުމާ ބެހޭ ގޮތުން ކަމަށެވެ.

"އެމްއެންބީސީ ޑިރެކްޓަރުންގެ ބޯޑަކީ އެތަނުގެ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ބަޔަކީ. އެހެންކަމުން ސަރުކާރުން ބޭނުން ވަނީ އެ މައްސަލައާ ގުޅިގެން ކޮންމެ ގޮތަކަށް ހުކުމް އައި ކަމުގައި ވީނަމަވެސް މުވައްޒަފުންނަށް ދެރައެއް ނުލިބޭނެ ކަމުގެ ޔަޤީންކަން ދޭން،" ޒުހެއިރު ވިދާޅުވި އެވެ.

ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް) އާއި ދިވެހިރާއްޖޭގެ އަޑާއި އެ ދެ ތަނުގެ މުދަލާއި ދައުލަތުގެ ބަޖެޓުން އެ ދެ ތަނަށް ދީފައިވާ ފައިސާ 20 ދުވަހުގެ ތެރޭގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)އާ ހަވާލު ކުރުމަށް ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުކުމްކޮށްފަ އެވެ. އަދި އެ މައްސަލަ އިސްތިއުނާފްކުރާނެ ކަމަށް ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ޒުހެއިރު ވިދާޅުވީ ދައުލަތުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރި ކަމުގައި ވީނަމަވެސް އެ މައްސަލައާ މެދު ޝަރުއީ އެންމެ ފަހު މަރުހަލާއިން ނިންމާ ގޮތަކަށް ސަރުކާރުން އިހްތިރާމް ކުރާނެ ކަމަށެވެ.

"އެމްއެންބީސީގެ މައްސަލައާ ގުޅިގެން ކޯޓުން ކުރާ ހުކުމަކަށް ސަރުކާރުން އިހްތިރާމް ކުރާނެ." ޒުހެއިރު ވިދާޅުވި އެވެ.
ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒު މިއަދު ވިދާޅުވީ ދައުލަތުގެ ވިސްނުން ހުރީ އެމައްސަލަ އިސްތިއުނާފް ކުރުމަށް ކަމަށާއި ނަމަވެސް އެމައްސަލަ އިސްތިއުނާފްކުރާނީ އެމްއެންބީސީއާ އެކު އެކަމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އިސްތިއުނާފްގެ މައްސަލައާ އެކު މިހާރު ކޯޓުން ކޮށްފައިވާ ހުކުމް ފަސްކޮށްދިނުމަށް އެދިވަޑައިގެންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.