أمّ المؤمنينގެ މަތިވެރި މަޤާމަށް ހޮވިވަޑައިގަތުމުގެކުރީން ދެފަހަރެއްގެމަތީން އެކަމަނާއަށްވަނީ އެކަމުގެ އުފާވެރިކަމުގެ ޚަބަރުދެއްވައިފައެވެ. ހުވަފެންފުޅުގެ ޒަރީޢާއިންނެވެ. އެކަމަނާއަކީ ނަސަބުން އަރާއިންނެވި، ބުއްދިފުޅު ތަނަވަސް ހެޔޮލަފާ، މާތް ބޭކަނބަލެކެވެ. ބުރުސޫރަފުޅު ރީތި އުޅުއްވުން ރީތި ބޭކަނބަލެކެވެ. ގެވެހި ބޭކަނބަލެކެވެ. ދީންވެރި، ކެތްތެރި ބޭކަނބަލެކެވެ. އެކަމަނާއަކީ ނަބީބޭކަލެއްގެ ދަރިކަނބަލެކެވެ. ނަބީބޭކަލެއްގެ ކޮއްކޯފުޅެކެވެ. ނަބީބޭކަލެއްގެ އަނބިކަނބަލެކެވެ. އާދެ، އެކަމަނާއަކީ މުއުމިންތަކުންގެ މައިކަނބަލުންالسّيّدة صفيّة بنت حُيَيُّއެވެ.

+ + + + + +

ނަންފުޅާއި ނަސަބުފުޅު

ބައެއް ރިވާޔަތްތަކުގައިވާގޮތުން އެކަމަނާގެ އަސްލު ނަންފުޅަކީزينبއެވެ. ޢަރަބީންގެ އާދަކާދައިގެމަތީން ޣަނީމާ މުދަލުން އިމާމަށް ނުވަތަ ރަސްގެފާނަށް، ނުވަތަ ފަތަޙަހޯދާ ކޮމާންޑަރަށް ޚާއްޞަކުރެވޭ ބަޔަށް ކިޔައިއުޅުނީصفيّةއެވެ.السّيّدة صفيّةއަށް އިތުރު ސާހިބާصلّى اللّـه عليه وسلّمގެ އަރިހަށް ވަޑައިގެންނެވުނީ ޚައިބަރުގެ އަސީރުންގެ ތެރޭގައެވެ. އެހެންކަމުން،السّيّدة زينب، صفيّةގެ ނަންފުޅުން މަޝްހޫރުވީއެވެ. ނަމަވެސް ބައެއް ޢިލްމުވެރީން ވަނީ މި ރިވާޔަތުގެ ޞައްޙަކަމާމެދު އިޢުތިރާޟު ކުރައްވައިފައެވެ.صفيّةއަކީ ޢަރަބީންގެ ތެރޭގައި ޢާއްމުކޮށް އަންހެނުންނަށް ކިޔައިއުޅޭ ނަމަކަށްވާތީއެވެ. ކައުސާހިބާصلّى اللّـه عليه وسلّمގެ ބޮޑުދައިތާފުޅު އަދި އެމާތް ސާހިބާގެ ޙަވާރީالزّبير بن العوّام رضى اللّـه عنهގެ މައިކަނބަލުންގެ ނަންފުޅަކީވެސްصفيّةކަމުގައިވާތީއެވެ.حافظ إبن حجرވިދާޅުވާގޮތުގައި، އެކަމަނާގެ ކުންޔަތުގެ ނަންފުޅަކީأمّ يحيއެވެ.

އެކަމަނާގެ ބައްޕައަކީ ޔަހޫދީންގެ މަޝްހޫރު ޤަބީލާއެއް ކަމުގައިވާ ބަނުއްނަޟީރުވަންހައިގެ ރައީސްحُيَيُّ بن أخطب بن سعيد بن عامرއެވެ. އޭނާއަކީهارون عليه السّلامގެ ދަރިކޮޅުގެ މީހެކެވެ. އެހެންކަމުން އޭނާއަކީ އޭނާގެ ޤައުމުގައި އިންތިހާދަރަޖައިގެ އިޙްތިރާމާއި ޤަދަރު ލިބިހުރި މީހެކެވެ. އޭނާގެ ޝަރަފާއި މާތްކަމަށް އޭނާގެ ޤައުމުގެ އެންމެން ބޯލަނބައެވެ.

السّيّدة صفيّةގެ މަންމައަކީبرّةނުވަތަضرّةއެވެ. އެކަމަނާގެ ބައްޕައަކީ ޤުރައިޡަތުވަންހައިގެ ރައީސްسموئيلއެވެ. އެހެންކަމުންالسّيّدة صفيّةއަކީ ދެފަރާތްޕުޅުންވެސް ޔަހޫދީންގެ ޤަދަރުހުރި އަމީރާއެކެވެ. އެކަމަނާ ރައްކައުވީ ޔަޘްރިބުގައެވެ. (އަލްމަދީނަތުލްމުނައްވަރާގައެވެ.) އެކަމަނާ ދުނިޔެއަށް ވަޑައިގަތީވެސް، ބޮޑުފުޅުވީވެސް ސުމާރެއްނެތްހައި މުއްސަނދިފުޅުކަމުގެ ތެރޭގައެވެ. ވެރިކަމުގެ އާރާއި ބާރާއި، ޝާނާއި ޝައުކަތުގެ ތެރޭގައެވެ. އަރާމާއި ނިޢުމަތުގައެވެ. ލޯތްބާއި ކުލުނުގެ ތެރޭގައެވެ. އެކަމަނާގެ ބައްޕަحُيَيُّއާއި ބޮޑުބޭބެأبو ياسرއެކަމަނާދެކެ އިންތިހާޔަށް ލޯބިވެއެވެ.

السّيّدة صفيّةގެ ޢުމުރުފުރުން ސާދައަހަރުފުޅުގައި އެކަމަނާގެ ބައްޕަحُيَيُّއެކަމަނާގެ ކާވެނިފުޅުކުރުވީ ޤުރައިޡަތުވަންހައިގެ މަޝްހޫރު ފަހުލަވާނެއްކަމުގައިވާسَلاَّم بن مَشْكَمْއާއެވެ. ނަމަވެސް ދެކަނބަލުންނަށް އެކުއުޅުއްވޭގޮތެއް ނުވިއެވެ.سَلاَّمއެކަމަނާ ވަރިކޮށްލިއެވެ.حُيَيُّއަނެއްކާވެސް އެހެންމީހަކާ އެކަމަނާގެ ކާވެނިކުރުވިއެވެ. ދެވަނަޔަށް ކާވެނިކުރުވީ ޤުރައިޡަތުވަންހައިގެ ބޮޑެއްކަމުގައިވާكِنَانَةُ بن أبى الحقيقއާއެވެ. އޭނާއަކީ ޚައިބަރުގެ ރައީސް އަދި އެތާނގެ އެންމެވަރުގަދަ އެއްކިއްލާ ކަމުގައިވާ އަލްޤަމޫސުގެ ޙާކިމަށް ބޮޑުބޭބެކިޔާ މީހެކެވެ.

ޔަހޫދީންގެ ދުޝްމިނުކަން

ޔަހޫދީންނަކީ އެއުރެންގެ ޖަދު ފެށުނީއްސުރެ ނަބީބޭކަލުންނާ ޢަދާވަތްތެރިވުމަށް އާދަވެފައިތިބި ބައެކެވެ. ނަބީބޭކަލުން ޤަތުލުކުރުމާއި މާތްاللّـهގެ އަމުރުފުޅުތައް ޙަޤީޤަތާ ޚިލާފަށް ތައުވީލުކޮށް ބަދަލުކުރުމާއި، އެކަލާނގެ ޙުކުމުފުޅުތަކަށް ގޮންޖެހުމަކީ ޔަހޫދީންގެ އާދައެކެވެ. އިސްލާމްދީނުގެ ނަބިއްޔާ ފާޅުކުރެއްވުމުގެ މާކުރިން، އިތުރު ސާހިބާއާމެދު އެއުރެންގެ ޢަދާވަތްތެރިކަން ފެށިއްޖެއެވެ. އެކަމުގެ އެންމެފުރަތަމަ ސަބަބަކީ، އިސްރާއީލުބާގަ ނަބީކަމާއި ރަސޫލުކަމުން ޢަޒުލުކުރެއްވުމެވެ. އިސްމާޢީލުގެފާނުގެ ދަރިކޮޅު އެމަޤާމަށް ޢައްޔަންކުރެއްވުމެވެ.

އިސްލާމްދީނުގެ ނަބިއްޔާ މަދީނާއަށް ހިޖްރައަށް ވަޑައިގަތީއްސުރެ އިސްލާމްދީނާއި، މުސްލިމުންނާއި، ޚުދު ކައުސާހިބާصلّى اللّـه عليه وسلّمއާމެދު އެއުރެންގެ ދެކޮޅުވެރިކަންވަނީ ފާޅުގައި ފެށިފައެވެ.

ސީރަތު އިބްނު ހުޝާމާއި، އަލްބައިޙަޤީގެ ދަލާއިލުއްނުބުއްވަތުގައިأمّ المؤمنينالسّيّدة صفيّة رضى اللّـهعنــهاއަށް ޙަވާލާދީ ލިޔެފައިވެއެވެ.أمّ المؤمنينވިދާޅުވިއެވެ. އަހަރެން ކުޑައިރު އަހަރެންގެ ބައްޕައާއި ބޮޑުބޭބެأبو ياسرއަހަރެންދެކެ ވަރަށް ލޯބިވެއެވެ. އަހަރެމެން ދިރިއުޅުނީ މަދީނާގައެވެ. ކައުސާހިބާصلّى اللّـه عليه وسلّمމައްކާއިން މަދީނާއަށް ހިޖުރަކުރައްވައި ޤުބާގައި މަޑުކުރެއްވުމާއެކު، އަހަރެންގެ ބައްޕައާއި ބޮޑުބޭބެ އެކަލޭގެފާނު ދެކޭން ހިނގައްޖެއެވެ. އެނބުރި އައިއިރު ބައްޕައާއި ބޮޑުބޭބެގެ މޫނުމަތީން ފެނުނީ ވަރުބަލިކަމެވެ. ފޫހިކަމާއި، މާޔޫސްކަމުގެ އަސަރުތަކެވެ. ބައްޕައާއި ބޮޑުބޭބެ އެހެންފަހަރުފަހަރާ ޚިލާފަށް އަހަންނަކާވެސް އަޅައެއް ނުލިއެވެ. އޭގެކުރިން އެގޮތަކަށް ދިމައެއްނުވެއެވެ. ބައްޕަމެންގެ މޫނުމަތި ފެނިފައި އަހަރެންވެސް ފިކުރު ބޮޑުވިއެވެ. އިރުގަނޑެއްވަންދެން އަނގައިންވެސްނުބުނެ ތިބެފައި ބޮޑުބޭބެ ބައްޕަޔާ ސުވާލުކުރިއެވެ. "އެއީ ހަމަ އެކަލޭގެފާނު ހެއްޔެވެ؟" ބައްޕަ ބުންޏެވެ. މާތްاللّـهގަންދީ ބުނަމެވެ. އެއީ ހަމައެކަލޭގެފާނެވެ. ބޮޑުބޭބެ ބުންޏެވެ. "އެކަލޭގެފާނުގެ ހުރިހާ ސިފަތަކަކާމެދު ރަނގަޅަށް ވިސްނައިބެލީން ހެއްޔެވެ." ބައްޕަ ބުންޏެވެ. "އާނއެކެވެ. ރަނގަޅަށް ވިސްނައި ބެލީމެވެ." ބޮޑުބޭބެ ސުވާލު ކުރިއެވެ. "އެހެންވީއިރު ދެން ހަދާނީ ކިހިނަކުންހެއްޔެވެ." ބައްޕަ ޖަވާބު ދިނެވެ. "ޢުމުރުދުވަހަށްވެސް ދެކޮޅުވެރިކަމާއި ޢަދާވަތްތެރިކަމުގައި ހުރުމެވެ."أمّ المؤمنينالسّيّدة صفيّة رضى اللّـهعنــهاވަނީ މި ޢަދާވަތްތެރިކަމާއި، ޙަސަދަވެރިކަމުގެ ވާހަކަ އެކަމަނާގެ ކަންފަތްޕުޅުން އަޑުއައްސަވައިފައެވެ. ޢަރަބިކަރައިގެ ޔަހޫދީން އިސްލާމްދީނާއި މުސްލިމުންނާއި އިސްލާމްދީނުގެ ނަބިއްޔާއާ ދެކޮޅަށް ރޭވި ހުރިހާ ނުބައި ރޭވުންތަކެއްގައި އިސްވެތިބީأمّ المؤمنينالسّيّدة صفيّة رضى اللّـهعنــهاގެ ޢާއިލާގެ މެމްބަރުންނެވެ. އެކަމަނާގެ ފިރިކަލުންނާއި، އޭނާގެ ޢާއިލާގެ މީހުންނެވެ.

ޚައިބަރު ހަނގުރާމަ

އިސްލާމްދީނާއި މުސްލިމުންނާމެދު ޢަދާވަތްތެރިވުމުގައި މައްކާގެ މުޝްރިކުންނާއި ޔަހޫދީންތިބީ ސިއްރާއި ފާޅުގައި އެއްބަސްވެ އަތުގުޅައިލައިގެންނެވެ. މައްކާގެ މުޝްރިކުން މުސްލިމުންނާކުރި ހަނގުރާމަތަކުގައި ޔަހޫދީން ފާޅުގައި ޢަމަލީގޮތުން ބައިވެރިވިއެވެ. އަޙްޒާބު ހަނގުރާމައިގައި މައްކާގެ މުޝްރިކުން ލަޝްކަރު ކޮމާންޑްކުރި ކަމުގައިވިޔަސް، އަޙްޒާބު ހަނގުރާމައިގެ ސަބަބަކަށްވީވެސް ޔަހޫދީންނެވެ. މައްކާގެ މުޝްރިކުންނާއި ޣަޠުފާނުވަންހައިގެ މީހުނާއި ނަޖުދުގެ ޤަބީލާތަކާ ވާހަކަދައްކައި ހަނގުރާމަޔަށް މީހުން އެއްކުރީ އެމީހުންނެވެ.

ޔަހޫދީންގެ ބާރުވެރިކަމުގެ މަރުކަޒަކީ ޚައިބަރެވެ. ޚައިބަރަކީ މަދީނާގެ ހުޅަނގުއުތުރުގައި ސަތޭކަވަރަކަށް މޭލުދުރުގައި އޮންނަ ރަށެކެވެ. ބިންމޮޅު، ވައިފެން ރަނގަޅު ރަށެކެވެ. ޔަހޫދީން ވަނީ އެރަށުގައި ވަރަށް ވަރުގަދަ ކިއްލާތަކެއް ހަދައިފައެވެ. ނަމަވެސް މުސްލިމުންގެ އާދައުލަތުގައި މައްކާގެ މުޝްރިކުންނާއި ޚައިބަރުގެ ޔަހޫދީންނާ އެއްފަހަރާ ހަނގުރާމަކުރެވޭފަދަ ބާރެއް އޭރަކު ނެތެވެ. އެހެންކަމުން އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمނުހަނު ޙިކުމަތްތެރިކަމާއެކު މައްކާގެ މުޝްރިކުންނާ ޞުލްޙަވެވަޑައިގެންނެވިއެވެ. ދިހައަހަރުވަންދެން ދެފަރާތުން ހަނގުރާމަ ނުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވިއެވެ. މައްކާގެ މީހުން ހުށަހެޅި ހުރިހާ ޝަރުޠުތަކެއް ޤަބޫލުކުރައްވައިގެންނެވެ. މިގޮތުން ނަޖުދުކަރައިގެ ޤަބީލާތަކާއި ޔަހޫދީންނާ ކުރިމަތިލެއްވުމުގައި މައްކާގެ ނުރައްކަލެއް ނާންނާނެގޮތް ހަމަޖެއްސެވިއެވެ. ޔަހޫދީންގެ ބާރު ކަނޑުއްވައިލެއްވުމަށްފަހު އަޙްޒާބުގެ ދެންތިބި ޙިއްސާދާރުން ކަމުގައިވާ ނަޖްދީ ޤަބީލާތަކާ ކުރިމަތިލައްވަން މަގުފަހިކުރެއްވިއެވެ.

އަނެއްކޮޅުން ޙުދައިބިއްޔާގެ ޞުލްޙައިގެ ޚަބަރު ޢަރަބިކަރައިގައި ފެތުރުނީ މުސްލިމުންނަށް ލިބުނު ނާކާމިޔާބެއްގެ ގޮތުގައެވެ. ދުރުތިބީންނަށް ފެނުނީ މައްކާގެ މުޝްރިކުން މުސްލިމުން މައްކާއަށް އެރިޔަނުދީ ހިފެހެއްޓިތަނެވެ. މުސްލިމުން އެމީހުން ބުނިހައިގޮތެއް ޤަބޫލުކޮށްގެން މައްކާގެ މުޝްރިކުންނާ ޞުލްޙަވީ މަންޒަރެވެ. ދިހައަހަރުވަންދެން ހަނގުރާމަނުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރިތަނެވެ.

ޙުދައިބިއްޔާގެ ޞުލްޙަނާމާގައި ސޮއިކުރެވުނުއިރުވެސް، ޚައިބަރުގެ ޔަހޫދީން ގެންދިޔައީ މުސްލިމުންނާ ހަނގުރާމަޔަށް ތައްޔާރުވަމުންނެވެ. މަދީނާއަށް ވެރިވެ މުސްލިމުންނާއި އިސްލާމްދީން މުލުންލުހެ އެއްލައިލަން ޢަޒުމް ކަނޑައަޅައިގެންނެވެ. އެކަމަށްޓަކައި ޔަހޫދީން ހަތިޔާރާއި ސިފައިން ތައްޔާރުކުރާތާ އޭރުވަނީ އެތައްދުވަހެއް ވެފައެވެ. ޚައިބަރުގެ ޔަހޫދީން އެ މަޤްޞަދުގައިވަނީ ޢަރަބި ދެޤަބީލާއަކާވެސް ވާހަކަދައްކައި އެބައިމީހުނާ އެއްބައިކުރުވައިފައެވެ. އެދެޤަބީލާއަކީ ޣަޠުފާނުވަންހައާއި އަސަދުވަންހައެވެ. އެދެޤަބީލާއަކީ އަޚްޒާބު ހަނގުރާމައިގެވެސް ދެބައިވެރީންނެވެ. ޔަހޫދީން އެދެޤަބީލާއާ އެއްބަސްވީ މަދީނާ ފަތަޙަކުރުމަށްފަހު މަދީނާގެ ކަދުރު ދަނޑުތަކުގެ ދެބައިކުޅައެއްބައި އެދެޤަބީލާއަށް ދިނުމުގެ މައްޗަށެވެ.

(ނުނިމޭ)