02 Jun 2016, 13:04
އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ޕްލޭ އޯފްގައި ޔަމަނާ ދެކޮޅަށް މިރޭ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ނުކުންނަ އިރު، ޓީމަށް ހިތްވަރުދިނުމަށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަނުމަށް ގައުމީޓީމުގެ ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ) އެދިއްޖެ އެވެ.

ގައުމީ ޓީމަށް ސަޕޯޓްކުރުމަށް ގައުމީ ފުޓްބޯޅަ ދަނޑަށް ވަދެތިބި ޒުވާނުންތަކެއް ޓީމަށް މަރުހަބާކިޔަނީ -- ސަން ފައިލް ފޮޓޯ
ގައުމީ ޓީމުގައި މިވަގުތު ހުރި އެންމެ ދުވަސްވީ، އަދި އެންމެ ތަޖްރިބާކާރު ކުޅުންތެރިޔާ އޭނާގެ ޓުވިޓާ އާއި ފޭސްބުކް އެކައުންޓް މެދުވެރިކޮށް ސަޕޯޓަރުންނަށް ގޮވާލާފައި ވަނީ "ގަލޮޅު ދަނޑުގައި މިހާތަނަށް ރާއްޖޭގެ ޓީމަށް ލިބުނު ހުރިހާ ކާމިޔާބެއްގެ ފަހަތުގައި ވަނީ ދިވެހި ސަޕޯޓަރުން" ކަމަށާއި އެހެންކަމުން އެފަދަ ސަޕޯޓެއް މިރޭ ޔަމަނާ ދެކޮޅަށް ކުޅޭއިރު ވެސް ބޭނުންވާ ކަމަށެވެ.

އޭއެފްސީ ޗެލެންޖު ކަޕްގައި ފިލިޕީންސްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗެއްގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރާއްޖޭގެ ގައުމީ ޓީމު އެންމެ ފަހުން ގަލޮޅުދަނޑުގައި މެޗެއް ކުޅެފައި ވަނީ ބޫޓާނާ ދެކޮޅަށެވެ. މި އަހަރުގެ މާރިޗް މަހުގެ 29 ވަނަ ދުވަހު ފީފާ ވޯލްޑް ކަޕް 2018 ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ބޫޓާނާ ދެކޮޅަށް ކުޅެ 4-2 ލަނޑުން ރާއްޖެ މޮޅުވި އެ މެޗު ބަލަން ވެސް ގަލޮޅު ދަނޑަށް ވަން މީހުންގެ އަދަދު މަދުކަން ފާހަގަކުރެވެ އެވެ.

ދިވެހި ސަޕޯޓަރުން ގައުމީ ޓީމަށް ސަޕޯޓްކުރަނީ: މިރޭގެ މެޗްގައި ސަޕޯޓަރުންގެ އެހީތެރިކަމާއެކު ރަނގަޅު ނަތީޖައެއް ނެރުމަށް މަސައްކަތް ކުރާނެ ކަމަށް ކުޅުންތެރީން ބުނޭ --- ސަން ފައިލް ފޮޓޯ
އިންމަ ބުނީ، ގައުމީ ޓީމުގެ "12 ވަނަ ކުޅުންތެރިޔާގެ ސަޕޯޓް ވަރަށްބޮޑަށް އަހަރެމެން ބޭނުން" ކަމަށާއި ދަނޑަށް ވަޑައިނުގެންނެވޭ ބޭފުޅުން ވެސް ޓީމަށް ކާމިޔާބީއަށް އެދި ދުޢާކުރުމަށް އެދޭ ކަމަށެވެ.
އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ޕްލޭ އޯފްގައި ޔަމަނާއި ރާއްޖެ ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 9:00 ގައެވެ.