02 Jun 2016, 13:01
ދިމިޝްގު (ޖޫން 2): ދެހާސްބާރަ ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ސީރިއާގެ ދާރަޔާއަށް އިއްޔެ އިންސާނީ އެހީ ފޯރުކޮށްދީފި އެވެ.
ސީރިއާގެ ހާލުގައި ޖެހިފައިވާ ދެ އަވަށަކަށް ތުއްތު ކުދިންގެ ކާނާ އާއި ސިއްހީ ހިދުމަތް ދިނުމަށް ބޭނުންވާ އާލާތްތަކާއި ވެކްސިން ފޯރުކޮށް ދިނުމުގައި ޔޫއެން އާއި ސީރިއާގެ ރެޑް ކްރެސެންޓުން ބައިވެރިވެފައިވާ ކަމަށް ރެޑް ކްރޮސްއިން ބުނެފައިވެ އެވެ.
ނަމަވެސް، ދާރަޔާ ހިފާފައިވާ ސީރިއާގެ ސަރުކާރަށް ނިސްބަތްވާ ފައުޖުތަކުން ވަނީ އޭގެ ތެރެއިން ސާޖަރީ އަށް ބޭނުންވާ އާލާތްތައް ފަދަ ބައެއް ސާމާނު ދާރަޔާ އަށް ވެއްދުން މަނާކޮށްފައި ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެ އެވެ.
ދާރަޔާގެ އިތުރުން ރެޑް ކްރޮސް އިން އެހީތެރިކަން ފޯރުކޮށްދީފައި ވަނީ އެއަވަށާ ޖެހިގެން އޮންނަ މުއާދަމިއްޔާ އަށެވެ. އެ އަވަށަށް ފޮނުވާފައި ވަނީ ކާނާގެ އެހީ އެވެ.
ދެހާސްބާރަ ވަނަ އަހަރު ސީރިއާގެ ރައީސް ބައްޝާރުލް އައްސަދުގެ ސަރުކާރުގެ ފައުޖުތަކުން ދާރަޔާ ހިފި ފަހުން އެ އަވަށުން ވަނީ ކަރަންޓާއި ފެނުގެ ހިދުމަތް ކަނޑާލައިފަ އެވެ. އަދި މީގެ ފަސް އަހަރު ކުރިން ސީރިއާ ހަނގުރާމަ ފެށުމުގެ ކުރިން އެ އަވަށުގައި ތިބި 80،000 މީހުންނާ އަޅާ ބަލާއިރު މިހާރު އެއަވަށުގައި ތިބީ 8،000 މީހުންނެވެ.
އިއްޔެ ދާރަޔާއަށް އެހީ ފޯރުކޮށްދީފައި ވަނީ 48 ގަޑި އިރު ވަންދެން އެސަރަހައްދަށް ހަމަލާތައް ހުއްޓާލާނެ ކަމަށް ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނުމުންނެވެ. (އަލްޖަޒީރާ)