02 Jun 2016, 13:58
އެޑިއުކޭޝަން މިނިސްޓްރީގެ އެކިއެކި ޑޭޓާތައް ބަލަހައްޓާނެ ފުރިހަމަ ނިޒާމެއް ގާއިމްކުރުމަށް ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާއި އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޒްލީން އަހުމަދު އެވެ. އެންސީއައިޓީގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އަޝްމަލީ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަޒްލީން ވިދާޅުވީ، އެ އެއްބަސްވުމުގެ ސަބަބުން މަތީ ތައުލީމުގެ ކަންކަން އިތުރަށް ފުރިހަމަކޮށް ޒިންމާދާރުކަމާ އެކު ރައްޔިތުންނަށް ހިދުމަތްތައް ފަހިގޮތެއްގައި ދިނުމަށްޓަކައި ކުރެވޭ ވަރަށް ވަރުގަދަ އެއްބަސްވުމަކަށް އެ އެއްބަސްވުން ވެގެންދާނެ ކަމަށެވެ.
އަޒްލީން ވިދާޅުވީ، މަތީ ތައުލީމުގެ ގިނަ ފުރުސަތުތަކެއް މިހާރު ރާއްޖޭގައި ހުޅުވެމުން އަންނަ އިރު، އެކަމާ ބެހޭ ރެކޯޑްތައް ވަރަށް ކާމިޔާބުކަމާ އެކު ޕްރޮފެޝަނަލް ގޮތަކަށް މެއިންޓެރިން ކުރެވެން ޖެހޭނެ ކަމަށެވެ. އަދި މިއަދު ވެވުނު އެއްވަސްވުމުގެ ދަށުން އެކަން ވާނެ ކަމަށް އަޒްލީން ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު މި ތަކެތި ރައްކާކުރަމުން މިދަނީ އެކްސެލް ޝީޓްތަކެއް މެދުވެރިކޮށް ވަރަށް އާދައިގެ ގޮތަކަށް. އެހެންނަމަވެސް އެއީކީ މިދެންނެވިހެން ސަރުކާރު މިހާ ގިނަ އަދަދެއްގެ ފުރުސަތުތައް ކޮންމެ އަހަރަކުވެސް ދޫކުރަމުންދާ އިރު، އެންމެ އެކަށީގެންވާ ގޮތަކަށް ނުވޭ،" އަޒްލީން ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އަޝްމަލީ ވިދާޅުވީ، އޭގެ ބޭނުމަކީ ސަރުކާރަށް ބޭނުންވާ މައުލޫމާތުތައް އެ ޑޭޓާބޭސް މެދުވެރިކޮށް ފަސޭހައިން ނެގޭނެގޮތެއް ހެދުން ކަމަށެވެ.
"މި ސިސްޓަމުން ސްކޮލާޝިޕް މެނޭޖް ކުރުމާ މަތީތައުލީމަށް ހުށަހަޅާ ފަރާތްތަކާ ގުޅޭ އެކިއެކި މައުލޫމާތު ރައްކާކުރެވޭނެ. އަދި ސަރުކާރުގެ ބޭނުންތަކަށް ވެސް އަދި އެޑިއުކޭޝަން މިނިސްޓްރީގެ ބޭނުންތަކަށް ވެސް މި ސޮފްޓްވެއާގައި ރައްކާކުރާ މައުލޫމާތުތައް ބޭނުންކުރެވިގެންދާނެ،" އަޝްމަލީ ވިދާޅުވި އެވެ.
އޭނާ ވިދަޅުވީ، މިހާރު އެ އިދަރާއިން ސޮފްޓްވެއާތައް ހަދަނީ އީ-ގަވާމަންޓް ފްރޭމްވޯކެއްގެ ދަށުން ކަމަށެވެ.