02 Jun 2016, 11:45
ހުޅުމާލޭގައި ހުޅުވާ، "ސެންޓްރޯ" ޝޮޕިން މޯލްގެ ބިޑު ކާމިޔާބު ކުރި އިތުރު ހަތް ފަރާތަކާ އެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެޗްޑީސީގެ މައި އޮފީހުގައި އިއްޔެ ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި ބިޑު ކާމިޔާބު ކުރި ހަތް ފަރާތުން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެޗްޑީސީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއި ކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ.

"ސެންޓްރޯ" ޝޮޕިން މޯލްގެ ބިޑު ކާމިޔާބު ކުރި ބައެއް ފަރާތްތަކާ އެކު އެއްބަސްވުމުގައި ސޮއި ކުރުން --- ފޮޓޯ: އެޗްޑީސީ
މީގެ ކުރިން ވަނީ ބިޑު ކާމިޔާބު ކުރި 17 ފަރާތެއްގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކާ އެކު ވެސް ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެއާ އެކު މިހާރު 25 ފަރާތަކާ އެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
އެ ފަރާތްތަކަށް މިހާރު މޯލްގެ ޔުނިޓުތައް ދީފައިވާ އިރު އެ ފަރާތްތަކުގެ ފިހާރަތައް ނިމުމުން، މޯލްގެ ހިދުމަތް ފަށާނެ ކަމަށް އެޗްޑީސީ އިން ބުނެ އެވެ.
ސެންޓްރޯ މޯލް ހުޅުވަން ނިންމާފައި ވަނީ އަންނަ ޖުލައި މަހުގެ ތެރޭގަ އެވެ. ސެންޓްރޯ މޯލްގައި ސުޕަމާރުކޭޓަކާއި ސެލޫން އާއި ހިފައި ގެންގުޅޭ ސާމާނާއި އިލެކްޓްރޯނިކްސް، ގާމެންޓްސް އަދި ޓެކްސްޓައިލް ވިޔަފާރިތައް ކުރެވޭ އިރު ފާމަސީ، އަދި ބޭންކުގެ ހިދުމަތްތައް ލިބޭނެ އެވެ.