02 Jun 2016, 12:18
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އައްޑޫ ސިޓީގައި ހިންގާ ސަދަން ޓްރާންސްޕޯޓް ލިންކް އޮފީހުގެ ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ އަށް ހިޔާނާތްތެރިވި މައްސަލައިގެ ތުހުމަތުގައި އެ އޮފީހުގެ މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.
އެ އޮފީހުން ގިނަ އަދަދެއްގެ ފައިސާތަކެއް ގެއްލުނު މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.
އެ މައްސަލައިގެ ތުހުމަތުގައި މިދިޔަ އާދީއްތަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އެ އޮފީހުގެ އެޑްމިން އެންޑް ފައިނޭންސް މެނޭޖަރަކަށް ހުރި އަބްދުﷲ ރަޝީދު އެވެ.
ފުލުހުން ބުނީ އެ އޮފީހުގެ ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ އަށް އޭނާ ހިޔާނާތްތެރިވެފައިވާ ކަަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީ އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.