15 May 2011, 14:50
ޓިނިރިވީ : ބަލްގޭރިޔާގެ ޒުވާން ފިރިހެނަކު އިނގިރޭސިވިލާތުގެ މުސްކުޅި އަންހެނަކަށް ކަތިވަޅިއަކުން ޙަމަލާދީ އެއަންހެންމީހާގެ ބޯ ބުރިކޮށް ހަށިގަނޑާ ވަކިކޮށްލުމަށްފަހު ބޯބުރި ހިފައިގެން ފިލަން މަސައްކަތްކޮށްފިއެވެ.
އުމުރުން 29 އަހަރުގެ ބަލްގޭރިޔާގެ ޒުވާނާ ހިންގި މިޖަރީމާ ގައި ކަތިލާލާފައިވަނީ އުމުރުން 62 އަހަރުގެ އިނގިރޭސި އަންހެނެކެވެ. މިޖަރީމާ ހިންގާފައިވަނީ ސްޕޭންގެ ޓިނިރިވީ ޖަޒީރާގެ ސްޕަރމާކެޓެއްގައި މީހުން ވިޔަފާރިކުރަމުން ގެންދަނިކޮށް ކަމަށް ސްޕޭންގެ މީޑިޔާ ބުނެއެވެ.
މިޖަރީމާ ހިންގި ބަލްގޭރިޔާގެ ޤާތިލް، އިނގިރޭސި އަންހެންމީހާ ކަރުގައި ކަތިވަޅިން ޖަހައި އޭނާގެ ކަރުބުރިކޮށް ބޯ ހަށިގަނޑާ މުޅިން ވަކިކޮށްލުމަށްފަހު ބޯ ހިފައިގެން ދިޔަ މަންޒަރު ފެނުމުން ބައެއްމީހުން ސިހި، ބިރުގަތުމުގެ އިތުރުން ގިޑީވެ އަނބުރައިގަތް ކަމަށްވެސް ޚަބަރުތައް ބުނެއެވެ.
އަންހެން މީހާ ކަތިލާލުމަށްފަހު އޭނާގެ ބޯބުރި ހިފައިގެން ގޮސް ބަލްގޭރިޔާގެ ޤާތިލް، އެބޯބުރި ބޭއްވީ މި ސްޕަރމާކެޓްގެ ޢިމާރާތުގެ ބޭރުގައެވެ. ނަމަވެސް އެވަގުތު އެ ސްޕަރމާކެޓްގެ ގާޑުން ޤާތިލް އަތުލައިގަނެ އޭނާ ބިންމައްޗަށް ވައްޓާލައި ފުލުހުން އަންނަންދެން އޭނާ ފިލިޔަނުދީ ހިފެހެއްޓިއެވެ.
އަދި ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފުލުން އައިސް ޤާތިލް ހައްޔަރުކުރިއެވެ. އެއަށްފަހު ފުލުހުން، އަންހެންމީހާގެ ބޯބުރި އޭނާގެ ހަށިގަނޑުގެ ކައިރިއަށް ގެންގޮސް ހަށިގަނޑާއެކު ހޮސްޕިޓަލަށް ގެންދިޔަ ކަމަށް މަންޒަރު ދުށްމީހުން ބުނެއެވެ.
އަންހެންމީހާގެ ހަށިގަނޑާ ބޯ ވަކިކޮށްލުމަށްފަހު ބޯބުރި އަތަށް ލައިގެން ޤާތިލް ދިޔައިރު އެބޯބުރިން ދުނިޖަހާފައި ލޭ އަންނަމުން ދިޔަކަމަށް މަންޒަރުދުށް މީހުން ހާމަކުރެއެވެ.
ބަލްގޭރިޔާގެ ޒުވާނާ (ޤާތިލް) އިނގިރޭސި އަންހެންމީހާ ކަތިލާލުމަށް ސްޕަރމާކެޓްގެ ތެރެއިން އެ އަންހެންމީހާ އަތުލައިގަތީ އެޑްހޮކް ކޮށް ކަމަށް ބެލެވޭ ކަމަށާއި، މިއީ އެ އަންހެންމީހާ ކަތިލާލުމަށް ދުރާލައި ރާވައިގެން ހިންގި ޖަރީމާއެއް ކަމަށް ނުބެލެވޭ ކަމަށް މަންޒަރު ދުށްމީހުން ބުނެއެވެ.
ކަތިލާލެވުނު އިނގިރޭސި އަންހެންމީހާއަކީ އެ ސްޕަރމާކެޓަށް ބާޒާރު ކުރަން ގޮސް އުޅުނު މީހެއް ކަމަށާއި ބަލްގޭރިޔާގެ ޒުވާނާއަކީ ކުށުގެ ރެކޯޑް އޮންނަ މީހެއްކަމަށް ޚަބަރު ލިބެއެވެ. (ބީ.ބީ.ސީ)