02 Jun 2016, 11:06
ކުރިޔަށް އޮތް ރަމަޟާން މަހަށް ޚާއްސަކޮށްގެން، އެސްޓީއޯ އިން ދުނިޔޭގެ މަޝްހޫރު ދެ ބްރޭންޑެއްގެ ދަޅު ކާނާ ތައާރަފުކޮށް، އެސްޓީއޯ ސުޕަމާޓުން އެތަކެތި ވިއްކަން ފަށައިފި އެވެ.
އެސްޓީއޯ އިން މައުލޫމާތުދޭ ގޮތުގައި، އެސްޓީއޯ އިން ތައާރަފު ކުރީ ތައިލެންޑްގެ ޓުވިން އެލެފަންޓް ބްރޭންޑާއި ދެކުނު އެފްރިކާގެ ރޯޑްސް ކޮލިޓީ ބްރޭންޑެވެ.
ޓުވިން އެލެފަންޓްގެ މޭވާ ދަޅުތަކުގައި ތާޒާ އަނބު، ރަމްބުސްތާން، ސައްކެޔޮ، ލައިޗީ އަދި އެހެނިހެން މޭވާގެ ބާވަތްތައް ހިމެނޭނެ އެވެ. މި ބާވަތުގެ ބައެއް ދަޅުތަކުގައި އެސްޓީއޯގެ ލޭބެލް ޖަހާފައި ވެސް ހުންނާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
ދެވަނަ ބްރޭންޑަކީ ދެކުނު އެފްރިކާގެ ރޯޑްސް ކޮލިޓީ ބްރޭންޑެވެ. މި ބްރޭންޑުގެ ފްރުޓް ކޮކްޓެއިލް، އެޕްރިކޮޓް އަދި ޕީޗު ދަޅު ހުރެ އެވެ. އަދި މި ބްރޭންޑުގެ ފްރުޓް ކޮކްޓެއިލްގައި ފަޅޯ އެކުލެވިގެން ނުވާ ކަމަށް ވެސް އެސްޓީއޯ އިން ބުނެ އެވެ.
އެސްޓީއޯ އިން ބުނީ، އެކުންފުނިން ތައާރަފު ކުރި ދެ ބްރޭންޑުގެ ބާވަތްތައް ވެސް އެސްޓީއޯ ސުޕަމާޓުން ހޯލްސޭލް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެ ކަމަށެވެ.