02 Jun 2016, 10:28
ރ. ކިނޮޅަހުގައި ދަނޑުވެރިކަން ކުރާ މީހުންނަށް ހައިޑްރޮޕޯނިކްސް އަދި ހޯމް ގާޑެނިންގެ ދަނޑުވެރިކަމުގެ ތަމްރީނުތަކެއް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ހިންގައިފި އެވެ.
ނިމިދިޔަ މެއި މަހުގެ 22 އިން 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ އެ ތަމްރީނުގައި ގޯތިތެރޭގައި އޮންނަ ހުސް ބިންކޮޅުގައި ތަފާތު ވައްތަރުގެ މޭވާ އަދި ތަރުކާރީ އުފައްދާނެ ގޮތް ދަސްކޮށްދިން ކަމަށް އެގްރިކަލްޗާ މިނިސްޓްރީ އިން ބުންޏެވެ. އަދި ފެނުގައި ގަސް އިންދުން ނުވަތަ ހައިޑްރޮޕޯނިކްސް ދަނޑުވެރިކަން ކުރާނެ ގޮތް ދަސްކޮށްދިނެ އެވެ.
އެ ތަމްރީނުގައި، ގޯތީގައި އޮންނަ ހުސް ބިމުގައި އުފެއްދޭނެ ތަފާތު ވައްތަރުގެ މޭވާ އަދި ތަރުކާރީ އަދި ފަތްޕިލާވެލީގެ ބާވަތްތައް ހެއްދޭނެ ގޮތް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ބުނެދީފައިވާ އިރު، މިހާރު ދަނޑުވެރިންނަށް ދިމާވަމުން އަންނަ މައްސަލަތައް ހައްލުކުރުމަށާއި ފަނިފަކުސައާއި ދިރޭ ސޫފިތަކުގެ ސަބަބުން ދިމާވާ މައްސަލަތަކާއި ގަސްގަހަށް ޖެހޭ ބަލިތައް ކޮންޓްރޯލު ކުރާނެ ގޮތްތައް ވެސް ރައްޔިތުންނަށް ކިޔައިދެވުނެވެ.
މީގެ އިތުރުން ދަނޑުވެރިކަން ކުރުމުގައި ބިމުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް ވިސްނަން ޖެހޭ ކަންކަމާއި ރައްކާތެރިގޮތުގައި ދަނޑުވެރިކަމުގެ ބާވަތްތައް އުފެއްދުމާއި ކެމިކަލް ޕެސްޓިސައިޑްސްގެ އިތުރުން އަމިއްލައަށް ތައްޔާރުކުރެވޭ ބަޔޯޕެސްޓިސައިޑްސް ބޭނުންކުރުމުގެ މުހިންމުކަމުގެ އިތުރުން، މުޑުވަށް ގަސް ގިނަ ކުރާނެ ގޮތާއި އޭގެ މުހިންމުކަން ވެސް ތަމްރީނުގައި ކިޔައިދީފައިވާ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.
ފިޝަރީސް އެންޑް އެގްރިކަލްޗާ މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، މި ކޯހުގައި 24 ފަރާތަކުން ބައިވެރިވި އެވެ.