މެކްސިކޯ ސިޓީ (ޖޫން 2): މެކްސިކޯގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ޓީޗާސް ޔޫނިއަންގެ ފެކްޝަނަކުން ބޭއްވި އިހުތިޖާޖެއްގައި ބައިވެރިވާން ދެކޮޅު ހެދި ހަ ޓީޗަރެއްގެ ބޯބާލައިފި އެވެ.

މެކްސިކޯގެ ޓީޗާސް ޔޫނިއަންގެ ފެކްޝަނެއް ކަމަށްވާ ސީއެންޓީ އީން ބޭއްވި އިހުތިޖާޖުގައި ބައިވެރިވާން ދެކޮޅު ހެދި ހަ ޓީޗަރެއްގެ ބޯބާލަން އެ ޖަމްއިއްޔާ އިން ނިންމީ އެ ޓީޗަރުންނަކީ ސީއެންޓީއީގެ އިހުތިޖާޖުތައް ހުއްޓުވުމަށް މަސައްކަތް ކުރާ "ދައުލަތުގެ އޭޖެންޓުން" ކަމަށް ބުނެ އެވެ.

ސީއެންޓީއީގެ މެމްބަރުން ވަނީ އެ ހަ ޓީޗަރުންނަކީ "ގައުމަށް ގައްދާރުވެފައިވާ" ބައެއް ކަމަށް ލިޔެފައިވާ ބޯޑުތަކެއް ޓީޗަރުންގެ ކަރުގައި އެޅުވުމަށް ފަހު އެމީހުންގެ ބޯބާލައިފަ އެވެ. އަދި ފައިވާނަކާ ނުލައި މަގުތަކުގައި ހިންގުވައިފަ އެވެ. އެ ހަ ޓީޗަރުންގެ ތެރޭގައި ދެ އަންހެން ޓީޗަރުން ވެސް ހިމެނެ އެވެ.

މެކްސިކޯގެ އެޑިއުކޭޝަން މިނިސްޓަރު، އައުރޭލިއޯ ނޫނިއޯ އެ މައްސަލާގައި ކުށްވެރިވާ ފަރާތްތަކަށް ހައްގު އަދަބު ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ސީއެންޓީ އީން މެކްސިކޯގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ކުރަމުންދަނީ އެގައުމުގެ ތައުލީމީ ނިޒާމަށް 2013ގައި ގެނައި އިސްލާހުތަކާ ގުޅިގެންނެވެ. އަދި އެ ޖަމްއިއްޔާ އިން ވަނީ މީގެ ކުރިން ވެސް މުޒާހަރާތަކުގައި ބައިވެރިވާން ދެކޮޅުހެދި ޓީޗަރުންތަކެއްގެ ބޯބާލައިފަ އެވެ. (ބީބީސީ)