ގދ. ތިނަދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަންގާރަ ދުވަހު ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ ތިނަދޫގައި ހިއްކުމަށް ހަމަޖެހިފައި ވަނީ 55 ހެކްޓަރުގެ ބިން ކަމަށެވެ.

އެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި ތިނަދޫ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް 20 ދުވަހުގެ ތެރޭގައި ނިންމާލާނެ އެވެ.

އެ މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައި ވަނީ ނެދަލެންޑްސްގެ ވަން އޫޑް ޑްރެޖިން އެންޑް މެރިންކޮންޓްރެކްޓާ އެވެ. އެ ކުންފުނިން ވަނީ ޖުމުލަ 14 ދުވަހުގެ ތެރޭގައި އައްޑޫ ސިޓީ ފޭދޫގެ ވެސް 50 ހެކްޓަރުގެ ބިން އެއްކޮށް ހިއްކައި ނިންމާލައިފަ އެވެ. މީގެ އިތުރުން ކ. ހިންމަފުށީގެ ބިން ވެސް ހިއްކުމަށް އެ ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ. އެ ތިން ރަށުގެ ބިން ހިއްކުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 603 މިލިއަން ރުފިޔާ އަށެވެ.