02 Jun 2016, 10:05
ވޮޝިންޓަން (ޖޫން 1) : ކުރިޔަށްއޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓްގެ ނަން އަންނަ ހަފްތާގައި އެނގިގެން ދާނެ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ޓީވީ ނެޓްވާކެއް ކަމަށްވާ ބީބީއެސް އަށް ދެއްވި އިންޓަވިއުއެއްގައި އޮބާމާ ވިދާޅުވީ އެ ޕާޓީގެ ޕްރައިމަރީ ނިމެން ގާތްވެއްޖެ ކަމަށާއި އެހެންކަމުން ރިޔާސީ އިންތިޚާބަށް އެ ޕާޓީގެ ޓިކެޓްދޭ ކެންޑިޑޭޓްގެ ނަން އަންނަ ހަފްތާގައި އެނގިގެންދާނެ ކަމުގަ އެވެ. ޕްރައިމަރީއާ ބެހޭ ގޮތުންނާއި ރިޔާސި ކެންޑިޑޭޓްގެ މައްސަލާގައި ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ހިނގި ޒުވާބުތައް މިހާރު ނިމިފައިވާ ކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ.
ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި މިފަހަކަށް އައިސް ވާދަކުރެއްވީ ދެކެންޑިޑޭޓުންނެވެ. އެއީ ބާނީ ސެންޑާސް އާއި ހިލަރީ ކްލިންޓަން އެވެ. މީގެތެރެއިން ގިނަ ސްޓޭޓްތަކުގެ ޕްރައިމަރީ ކާމިޔާބު ކުރައްވާފައި ވަނީ ހިލަރީ އެވެ. އެހެންކަމުން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް ލިބޭނެ ކެންޑިޑޭޓަކީ ހިލަރީކަމަށް ވަނީ ބެލެވިފަ އެވެ. ނަމަވެސް ޕްރައިމަރީތައް ނިމުމުން ކެންޑިޑޭޓްގެ ނަން އިޢްލާނު ކުރާނީ އެކަމަށް ޓަކައި ޑިމޮކްރެޓިކް ޕާޓީން ބާއްވާ ޚާއްސަ ޖަލްސާއެއްގަ އެވެ.
ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގެ ސަބަބުން އެ ޕާޓީގެ އެތެރޭގައި ވަނީ މައްސަލަތަކެއް އުފެދި ދެބަސްވުންތައް ވަރަށް ބޮޑެވެފަ އެވެ. ހިލަރީ ކްލިންޓަން ވަނީ މިކަން ހައްލުކޮށް ޕާޓީ އެކަތިގަނޑަކަށް ހެދުމަށް ޓަކައި ސެންޑާސްގެ ކޭންޕޭން ޓީމާ ވާހަކަ ދައްކަވާނެ ކަމަށް ވިދާޅުވެފަ އެވެ. ހިލަރީއާއި ސެންޑާސް ވެސް ވަނީ އެ ދެ ބޭފުޅުންގެ ހަގީގީ ދުޝްމަނަކީ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވިފައިވާ ޑޮނަލްޑް ޓްރަމްޕް ކަމަށް ވިދާޅުވެފަ އެވެ.
ޓްރަމްޕަކީ ވަރަށް ހަރުކަށި ބޭފުޅެކެވެ. އޭނާ އެމެރިކާގެ ވެރިކަމަށް ވަޑައިގެންފާނެތީ އެމެރިކާގެ ބައެއް ތަޖްރިބާކާރު ބޭފުޅުންނާއި އެމެރިކާގެ ބައިވެރިން ކަމަށް ސިފަކުރެވޭ ޔޫރަޕްގެ ބައެއް ގައުމުތަކުގެ ލީޑަރުން ވެސް ވަނީ ނުތަނަވަސްކަން ފާޅުކުރައްވައިފަ އެވެ. ނަމަވެސް މިފަހަރު އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރްސަތު ބޮޑީ ޓްރަމްޕަށްކަމަށް ގިނަބަޔަކު ދެކެ އެވެ. (ރޮއިޓާސް)