02 Jun 2016, 09:55
ވިޔަފާރިތަކަށް ހާއްސަކޮށްގެން މި އަހަރު ހުޅުމާލެއިން 60 ހާސް އަކަފޫޓުގެ ސަރަހައްދެއް ކުއްޔަށް ދޫކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ބުނެފި އެވެ.
ސަން އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ މި އަހަރު ތެރޭގައި ހުޅުމާލެ އިން 60000 އަކަފޫޓުގެ ޖާގަ ވިޔަފާރި އުސޫލުން ދޫކުރާނެ ކަމަށާއި އެތަންތަނުގެ ތެރޭގައި ހުޅުމާލޭ މިނީ މޯލް އާއި ޝޮޕިން މޯލްގެ އިތުރުން ކޮމިއުނިޓީ ސެންޓަރު ހިމެނޭ ކަމަށެވެ.
"މީގެ މާނައަކީ ވިޔަފާރިތައް އިތުރުވެ ވިޔަފާރިތައް މެދުވެރިކޮށް އިކޮނޮމިކް އެކްޓިވިޓީސް މެދުވެރިކޮށް އެތައް ބައިވަރު ވަޒީފާގެ ފުރުސަތުތަކެއް ހުޅުމާލެ ތެރޭގައި އުފެދިގެން އަންނާނެ." ސައިމަން ވިދާޅުވި އެވެ.
ޓުރީޓޮޕް ހޮސްޕިޓަލާއި އެހެނިހެން އުމުރާނީ މަޝްރޫތަކާ އެކު ހުޅުމާލޭގައި ތަފާތު ވަޒީފާތައް އުފެދިގެން އަންނާނެ ކަމަށް ވެސް ސައިމަން ވިދާޅުވި އެވެ.
ރާއްޖެ އާބާދީގެ ބޮޑުބައެއް ދިރިއުޅޭ އަވަށަކަށް ހުޅުމާލެ ހެދުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.