ކަސްޓަމްސް އިން މުދާ ކުލިއާ ކުރުމަށް ހުށަހަޅާ އިންވޮއިސްގެ އަގަށް ޑިއުޓީ ނަގާ ގޮތަށް ކުރިއަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި ހަމަޖެހިގެން ދާނެ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އަކީ މަދަނީ ބައެއްގެ ގޮތުގައި ކަޑައެޅިގެން ދިޔުމުން ކަސްޓަމްސްގެ މަސައްކަތްތަކަށް އަންނާނެ ކުރިއެރުންތަކާ ގުޅޭ ގޮތުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު އަޝްވާން މިއަދު ވިދާޅުވީ ކަސްޓަމްސް އަކީ ވަކި ގާނޫނީ ސަހުސަކަށް ވުމުން ކަސްޓަމްސްގެ ގާނޫނުގެ ދަށުން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މުދަލުގެ އިންވޮއިސްގެ އަގަށް ބަލައިގެން ޑިއުޓީ ނަގާ ގޮތަށް ހަމަޖެހިގެން ދާނެ ކަމަށެވެ.
"އަޅުގަނޑުމެން ބޯޑުން ދުލެއް މިދެނީ އެ ހުށަހެޅި އިންވޮއިސްތައް ބަލާފައި އެ ހުށަހެޅި އަގުގައި ޑިއުޓީ ނަގާފައި މުދާ ކުލިއާ ކުރަން،" އަލަށް ކަނޑައެޅިގެން އަންނަ އުސޫލުތަކާ ގުޅޭ ގޮތުން އަޝްވާން ވިދާޅުވި އެވެ.

މީގެ ކުރިން ކަސްޓަމްސް އިން ޑިއުޓީ ނަގަމުން އައީ ހުށަހަޅާ އިންވޮއިސްތަކަށް ބެލުމަށް ފަހު ބާޒާރުގައި ތަކެތީގެ އަގު ހުރި މިންވަރަށް ބެލުމަށް ފަހު ކަސްޓަމްސްގެ ބޯޑުން ފާސްކޮށްގެންނެވެ. އެގޮތަށް އަމަލުކުރަމުން ދިޔައިރު ވެސް އިންވޮއިސްތަކުގައި އަސްލު އަގުނޫން ދަށް އަގެއް ޖަހައިގެން ބައެއް ފަރާތްތަކުން ބޮޑަތި އަދަދުތަކުން ޑިއުޓީގެ މާފުވުމެއް ހޯދާފައިވެ އެވެ.

މުޅިން އައު އުސޫލުތަކަކަށް އަމަލުކުރަން ފެށުމުން ހުށަހަޅާފައިވާ އިންވޮއިސްތަކުގެ ސައްހަކަން ބަލާނީ ކިހިނެއްތޯ ސުވާލު ދެންނެވުމުން އަޝްވާން ވިދާޅުވީ ޑިއުޓީ ކަނޑައަޅާ މުއްދަތުގެ ތެރޭގައި ހުށަހަޅާ އިންވޮއިސްތަކުގެ އަގަކީ އަސްލު އަގުކަން ބަލައި ސައްހަ ކުރާނީ ޕޯސްޓް އޯޑިޓްކޮށްގެން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވެއްޖެ ހިނދެއްގައި އެ ލިޔުންތައް ފެންނަ ގޮތަށް ކުންފުނިތަކުގައި ހުރުން ލާޒިމްވާނެ. އަދި އަޅުގަނޑުމެން ޕޯސްޓް އޯޑިޓް ކުރާނެ ކަމަށް ފާހަގަ ވެއްޖެ ނަމަ. އެބާރު އަޅުގަނޑުމެންނަށް ގާނޫނުން އެބަލިބިދޭ،" އަޝްވާން ވިދާޅުވި އެވެ.

ނަމަވެސް ޕޯސްޓް އޯޑިޓް ކުރަން ވަކި މުއްދަތެއް ކަނޑައެޅިފައި ނޯންނަ ކަމަށް ވެސް އަޝްވާން ވިދާޅުވި އެވެ. އައު އުސޫލުގެ ސަބަބުން ވިޔަފާރިވެރިންނަށް ލިބޭނެ ފަސޭހަތަކާ ގުޅޭ ގޮތުން އަޝްވާން ވިދާޅުވީ އޭގެ ސަބަބުން ގިނަ ދުވަހު ކަސްޓަމްސްގައި މުދާ ބަހައްޓަން ނުޖެހި އަވަހަށް މުދާ ބޭރުކުރެވޭނެ ކަމަށާއި އޭރުން މުދާ ބެހެއްޓުމަށްދާ ހަރަދާއި މުދާ ހަލާކުވުން ވެސް ކުޑަވާނެ ކަމަށެވެ.

ކަސްޓަމްސްއަކީ ގާނޫނީ ބާރުލިބިގެންވާ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައީ މި މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ.