މިއަހަރުގެ އޭޕްރީލް މަސް ނިމުނު އިރު ދިވެހިރާއްޖޭގެ ރަސްމީ ރިޒާވްގައި 707.2 މިލިއަން ޔޫއެސް ޑޮލަރު ހުރިކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން މިއަދު އާންމުކޮށްފައިވާ އޭޕްރީލް މަހުގެ އިގްތިސާދީ ރިވިއު ރިޕޯޓްގައި ބުނެފައި ވަނީ އޭޕްރީލް މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 707.2 މިލިއަން ޑޮލަރު ކަމަށާއި އެއީ މިދިޔަ އަހަރާ އަޅައިބަލާއިރު ހަ ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ.

ރަސްމީ ރިޒާވް އިތުރުވެފައިވާ އިރު އެއީ ފާއިތުވި މާރިޗް މަހާ އަޅައިބަލާއިރު ވެސް ހަތް ޕަސެންޓުގެ ކުރިއެރުމެކެވެ.

އެމްއެމްއޭ އިން ބުނީ ފާއިތުވި އޭޕްރީލް މަސް ނިމުނު އިރު ރަސްމީ ރިޒާވްގެ ތެރެއިން ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 230.8 މިލިއަން ޔޫއެސް ޑޮލަރު ކަމަށެވެ.

ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުންކުރެވޭ ގޮތަށް ހުރި ފައިސާގެ އަދަދަކީ އަހަރުން އަހަރަށް ބަލާނަމަ 13 ޕަސެންޓް އިތުރު އަދަދެއް ކަމަށް އެމްއެމްއޭ އިން ބުންޏެވެ. ނަމަވެސް މަހުންމަހަށް ބަލާނަމަ އެއީ ފަސް ޕަސެންޓް ދަށް އަދަދެއް ކަމަށް އެމްއެމްއޭގެ އިގްތިސާދީ ރިވިއު ރިޕޯޓްގައިވެ އެވެ.