މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގަައިފިއެވެ. ފުލުހުން ބުނީ މިރޭ 8:05 ކަންހާއިރު އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ ހ. މާފޮޅޭ ވިލާގައި ކަމަށެވެ.

މާފޮޅޭ ވިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ލިބުމާއެކު އަލިފާން ނިއްވުމުގެ މަސައްކަތުގައި ސިފައިންނާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން ދާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މާފޮޅޭ ވިލާގޭގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ފުލުހުންގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ، އެ ހާދިސާ ހިނގަން މެދުވެރިވީ އެއްކޮށް އިމާރާތްކޮށް ނުނިމި ހުރި އެގޭގެ ލިފްޓް ގޮޅީގައި ހުރި ކަރަންޓް ވަޔަރުތަކެއްގައި ކަރަންޓް ޝޯޓެއް ވެގެންކަމަށާއި، ހާދިސާ ހިނގިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އަލިފާން އެއްކޮށް ނިއްވާލާފައިވާ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ވާނީ، މުޅިގެއިން އެއްކޮށް ކަރަންޓް ކަނޑާލާފައި. އަދި އެ ގޭގައި ދިރިއުޅޭ އެންމެން ގެއިން ބޭރަށް ނެރެފައި. އެތަން ރައްކާތެރިތޯ ކަށަވަރުކުރުމަށް ފަހު ގެޔަށް އަލުން ކަރަންޓް ދޭނެ،" އޭނާ ވިދާޅުވިއެވެ.

ހ. މާފޮޅޭ ވިލާގައި އަލިފާނުގެ ހާދިސާއެއް ހިނގަން މެދުވެރިވި ސަބަބު ސިފައިންނާއި ފުލުހުން ގުޅިގެން އިތުރަށް ތަހުގީގު ކުރަމުން ގެންދާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.