ޓީވީ ޑްރާމާތަކުންނާއި، ބޮލީވުޑުގެ ކާމިޔާބު ފިލްމުތަކުން ފެނިގެން ގޮސްފައިވާ ރައްޒާގް ހާން މަރުވެއްޖެ އެވެ.

ހަބަރުތައް ބުނާގޮތުން ރައްޒާގް މަރުވެފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ހިތް ހުއްޓިގެންނެވެ. މެންދުރު 12:30 ހާއިރު ރައްޒާގު ހޯލީ ފެމެލީ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައި ވާކަމަށް އޭނާ ބެލި ޑޮކްޓަރުންނާ ހަވާލާދީ ހަބަރުތައް ބުނެ އެވެ.

ރައްޒާގަކީ ނުބައި މީހެއްގެ ގޮތުގައި ހުރެ އަދާކުރާ ކޮމެޑީ ރޯލުތަކަށް މަޝްހޫރު ފަންނާނެކެވެ. އޭނާ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި 1996 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ރާޖާ ހިންދުސްތާނީ"، 1999 ވަނަ އަހަރު ނުކުތް ފިލްމު "ހެލޯ ބްރަދާ"، ޖެހިގެން އައި އަހަރު ނުކުތް "ހޭރާ ފޭރީ"، 2007 ވަނަ އަހަރު ނުކުތް "ޕާޓްނާ" އަދި 2014 ވަނަ އަހަރު ނުކުތް ފިލްމު "އެކްޝަން ޖެކްސަން" ފާހަގަކޮށްލެވެ އެވެ.

ރައްޒާގު އެންމެ ފުރަތަމަ ފެނުނީ 1986 ވަނަ އަހަރާއި 1987 ވަނަ އަހަރު ދެއްކި މަޝްހޫރު ޓީވީ ޝޯވ، "ނުއްކަޑު" ގެ ކުޑަ ރޯލަކުންނެވެ. ބޮލީވުޑަށް ރައްޒާގު ތައާރަފުވީ 1993 ވަނަ އަހަރު ނުކުތް "ރޫޕް ކީ ރާނީ ޗޯރޯން ކާ ރާޖާ" އިންނެވެ.

މިއަދު މަރުވި ރައްޒާގު ޚާން ވަނީ ބޮލީވުޑްގައި 23 އަހަރު ހޭދަކޮށްފައެވެ. އަދި މިހާތަނަށް 90 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވާ ރައްޒާގު އެންމެ ފަހުން ފެނިފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހު ނެރުނު ފިލްމު "ކިޔާ ކޫލް ހެ ހަމް 3" އިންނެވެ.