ރޯދަ މަހާ ދިމާކޮށް، މާލެއާއި ހުޅުމާލެއާއި ވިލިމާލެ ހިމެނޭގޮތުން، ޖިނާއީ ކުށްތައް އާންމުކޮށް ހިންގާކަމަށް ފާހަގަކުރެވިފައިވާ ސަރަޙައްދުތައް ބަލައި ފާސްކުރުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

ފުލުހުން ބުނީ އެ ޕްރޮގުރާމަކީ ރޯދަ މަހާ ދިމާކޮށް ކުށްމަދުކުރުމަށް ފަށާފައިވާ ޕްރޮގްރާމެއް ކަމަށެވެ.

މިއަދު ހަވީރު ހަތަރަކުން ފެށިގެން ކުރިއަށް ގެންދާ އެ އޮޕަރޭޝަންގައި މާލެއާއި ހުޅުމާލެއާއި ވިލިމާލެ ހިމެނޭގޮތުން، ޖިނާއީ ކުށްތައް އާންމުކޮށް ހިންގާކަމަށް ފާހަގަކުރެވިފައިވާ ސަރަޙައްދުތައް ބަލައި ފާސްކުރުމުގެ އިތުރުން، ވެހިކަލް ޗެކް ޕޮއިންޓްތައް ޖަހައިގެން އުޅަނދުތައް ބަލައި ފާސްކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ބާރު ސުޕީޑުގައި ދުއްވާ އުޅަނދުތަކާއި ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭގޮތަށް ސައިލަންސަރުގެ އަޑުގަދަކޮށްގެން ދުއްވާ އުޅަނދުތައް އޮޕަރޭޝަނުގައި ބަލައި ފާސްކޮށް ފިޔަވަޅު އަޅަމުންގެންދާނެ ކަމަށެވެ.

އެ އޮޕަރޭޝަނާބެހޭ ގޮތުން މައުލޫމާތު ދެއްވަމުން، ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ، އެ އޮޕަރޭޝަނަކީ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ކުށަށް އަރައިގަތުމުގެ ކުރިން ކުށްކުރުން ހުއްޓުވުމަށް ކުރާ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންގޮސް ކުރިއަށް އޮތް ރޯދަ މަހަކީ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުވެފައިވާ މަހެއްގެ ގޮތުގައި ދެމެހެއްޓުމަށް ސެންޓްރަލް އޮޕަރޭޝަންސް އިން ކުރިއަށް ގެންދާ އޮޕަރޭނެއް ކަމަށެވެ.

މިއަދު ފެށި އޮޕަރޭޝަންގައި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ބައެއް ޑިޕާޓްމަންޓްތަކާއި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ބައެއް ޑިޕާޓްމަންޓްތައް ބައިވެރިވެއެވެ.