ޕެރޯލްގެ ދަށުން ދޫކޮށްލާފައި ހުރި މީހަކު ނ. މާޅެންދޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމާ ގުޅިގެން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު މާޅެންދޫ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދިނުމާ ގުޅިގެން ހައްޔަރު ކުރީ އެ އަތޮޅު ލަންދޫ ފީރޯޒްގޭ ރަމީޒް އިބްރާހިމް 33، ކަމަށެވެ.

މާޅެންދޫގައި ދިރިއުޅެމުން އަންނަ ރަމީޒް އެ ރަށު އެރޯމާ އަލީ ޝާހިރަށް އަށް ހަމަލާދީ ޒަޚަމްކޮށްލީ ރަމީޒު ބުނި މީހަކު ގެނެސްނުދިނުމުން ކަމަށް މާޅެންދޫ ރަށު ކައުންސިލްގެ ރައީސް އަބުދުއްރަހީމް ހަސަން ވިދާޅުވި އެވެ. އެ ސަރަހައްދުގައި އެވަގުތު ތިބި މީހުންނާ ހަވާލާދީ އޭނާ އަދި ވިދާޅުވީ އެ ހާދިސާގައި ޝާހިރުގެ ބުރަކަށްޓާވީ ދިމާލު ކަނދުރާގެ ތިރިން އެއް އިންޗި ފުނަށް ވަޅި ހަރާފައިވާ ކަމަށާއި ތިން ފަހަރު މަތިން ޝާހިރުގެ ގަޔަށް ރަމީޒު ވަޅި ހެރި ކަމަށެވެ.

ބުރާސްފަތި ދުވަހު ހަވީރު މާޅެންދޫ ބަނދަރު ސަރަހައްދުގައި ހިނގި އެ ހާދިސާގައި ޒަޚަމްވި ޝާހިރަށް އެ ރަށު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ޝާހިރަކީ މާޅެންދޫ ރަށު ކައުންސިލް އަބުދުއްރަހީމް ހަސަންގެ ދަރިއެކެވެ.