މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މަސައްކަތް އަވަސް ކުރުމަށް އިތުރު ވެހިކަލްތަކެއް ގެނެސްފިއެވެ.

އެމްޑަބްލިޔުއެސްސީއަށް އަލަށް ގެނެސްފައިވަނީ ހަތަރު އެކްސްކެވޭޓަރާއި އެއް ކެރޭނެވެ.

އެވެހިކަލްތައް ދައްކާލުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ވިދާޅުވީ، އެކުންފުނިން މިހާރު 25 ޕްރޮޖެކްޓެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްގެންދާއިރު އެވެހިކަލްތަކާއެކު އެމަސައްކަތްތައް އަވަސްވެގެންދާނެ ކަމަށެވެ.

އެކުންފުނިން މަސައްކަތް ކުރަނީ ކޮލިޓީ ރަނގަޅުކޮށް ދީފައިވާ މުއްދަތަށް މަސައްކަތް ނިންމުމަށްކަމަށް ފަޒުލް ވިދާޅުވިއެވެ.

އެ ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއިރު ގއ. ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވީ، އެމްޑަބްލިޔުއެސްސީއަކީ ރައީސް އަބްދުﷲ ޔާމީންގެ ވައުދު ފުއްދުމަށް އެންމެ ރަނގަޅަށް މަސައްކަތްކުރާ ނަމޫނާ ކުންފުންޏެއް ކަމަށެވެ.

އެމްޑަބްލިޔުއެސްސީއަށް ވެހިކަލްތަކެއް ގެނެސްފައިވާއިރު އެކުންފުންޏަށް ލޭންޑިން ކްރާފްޓެއް ގެނައުމަށް މިހާރު ވަނީ ހަވާލުކޮށްފައެވެ.