މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 500،000 ވަނައަށް ރާއްޖެއަށް އައި ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ފްރާންސަށް ނިސްބަތްވާ ނިކޮލަސް ލަމްޕެރިސް މިއަދު ރާއްޖެއަށް އައީ އޭނާގެ ފިރިމީހާ އާއި ކުޑަ ދަރިފުޅު ގޮވައިގެންނެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ދިވެހި ބޮޑުބެރުގެ ހަރަކާތްތަކާ އެކު އެ ފަތުރުވެރިޔާއަށް މަރުހަބާކިއީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އިސްވެރިންނާއި އެމްއޭސީއެލްގެ މުވައްޒަފުންނެވެ.

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 500،000 ވަނައަށް ރާއްޖެއަށް އައި ފަތުރުވެރިޔާ އަށް ހޫނު މަރުހަބާއެއް ކިޔުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ހާރިޝް ވިދާޅުވީ، 500،000 ވަނަ ފަތުރުވެރިޔާ އަށް -ނިކޮލަސް ވުމުން އޭނާއަށް އާއިލާއާ އެކު ރާއްޖޭގެ ހައިއެންޑް ރިސޯޓެއްގައި ހަތް ދުވަހުގެ ޗުއްޓީ އެއް ފުލްބޯޑް ޕެކޭޖަކާއެކު ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

"ކަން ދިމާވޮގޮތުން ވަރަށް ރަނގަޅަށް މި ދިމާވީ. އާއިލާއެއް އައީމަ. އެމީހުންނަށް އިނާމަކަށް މި ލިބެނީ ރާއްޖޭގެ ހައިއެންޑް ރިސޯޓެއްގައި ހަތް ދުވަހަށް ފުލްބޯޑް ޕެކޭޖެއް،" ހާރިޝް ވިދާޅުވި އެވެ.

ފަސްލައްކަ ވަނަ ފަތުރުވެރިޔާ ނިސްބަތްވާ ނިކޮލަސް ލަމްޕެރިސް މީޑިއާތަކަށް ބުނީ އެމީހުންނަށް އެ ނަސީބު ލިބުނުކަން ގަބޫލުވެސް ނުކުރެވޭ ކަމަށެވެ. އަދި 500،000 ވަނަ ފަތުރުވެރިޔާގެ ނަސީބު ލިބުނުކަމަށްޓަކައި އެކަމާ ވަރަށް އުފާވާ ކަމަށެވެ. އެއީ މީގެ ކުރިންވެސް އެއްފަހަރު ރާއްޖެއަށް އައިސްފައިވާ ބައެއްކަމަށް އެމީހުން ބުންޏެވެ.

ޖޫން 1، 2016: މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 500،000 ވަނައަށް ރާއްޖެއަށް އައި ފަތުރުވެރިޔާ އަށް ހޫނު މަރުހަބާއެއް ކިޔުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހާރިޝް ވިދާޅުވީ، އެމީހުންނަށް ދިން އިނާމުގެ ސަބަބުން އެއީ އެމީހުން އަދި އެއްފަހަރު ރާއްޖެއަށް އައުމަށް ދެވުނު ފުރުސަތެއް ކަމަށެވެ. އަދި އެމީހުން ރައްޓެހިން ގާތުގައި އެ ވާހަކަތައް ބުނުމުން އެމީހުންވެސް ރާއްޖެއަށް އައުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ހާރިޝް ވިދާޅުވީ މިއަހަރަކީ ވިޒިޓް މޯލްޑިވްސް އިޔާގެ ގޮތުގައި ފާހަގަކުރަމުން އަންނަ އަހަރަށްވާ އިރު، އަހަރުގެ ޓާގެޓް ކަމުގައިވާ 1.5 މިލިއަން ޓޫރިސްޓުންގެ އަދަދަށް ވާސިލްވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.