01 Jun 2016, 19:36
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ފުރަތަމަ މެޗުގައި މާދަމާ ދިވިހެ ގައުމީ ޓީމާއި ދެކޮޅަށް ނިކުންނައިރު ޔަމަންގެ ގައުމީ ފުޓްބޯޅަ ޓީމް ވަނީ މީގެ ފަސް ހަފްތާ ކުރިން ފަރިތަކުރުންތަށް ފަށައި އެ މެޗަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ޔަމަންގެ ކޯޗު އަބްރަހަމް އިބްރަތޫ ބުނެފިއެވެ.
މާދަމާގެ މެޗުގެ ކުރިން މިއަދު ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސަގައި ވާހަކަ ދައްކަމުން އަބްރަހަމް ބުނީ، އަމިއްލަ ގައުމުގެ އިތުރުން ގައުމުން ބޭރުގައި ވެސް ޓީމު ކޭމްޕް ކޮށްގެން ފަރިތަކޮށްފައިވާ ކަމަށާއި މާދަމާގެ މެޗަށް ނިކުންނާނީ އެ މެޗު ކާމިޔާބް ކޮށް އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އުންމީދު ބޮޑު ކުރަން ކަމަށެވެ.
"އެންމެ ފަހުން ޔަމަން ޓީމް ވޯލްޑްކަޕް ކޮލިފައިންގައި ކުޅުނު މެޗުތަކުގައި ވެސް ޓީމްގެ ފަރާތުން ފެނިފައިވަނީ ވަރަށް ރަނގަޅު ކުޅުމެއް. ނަމަވެސް ޔަމަން ޓީމް ލައްވައިލީ ވަރުގަދަ ގުރޫޕްއެއްގައި. އެހެންވެ ރަނގަޅު ކާމިޔާބީއެއް ނުލިބުނީ،" އަބްރަހަމް ބުންޏެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ޔަމަން ކުޅުނު ދިހަ މެޗުގެ ތެރެއިން އެ ޓީމް މޮޅުވެފައިވަނީ ޕާކިސްތާނާއި ފިލިޕީންސާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. ފިލިޕީންސާ ދެކޮޅަށް ޔަމަން ކުޅުނު މެޗުގެ އެންމެ ފަހު ވަގުތު ޔަމަން މޮޅުވީ މެޗުގެ އެންމެ ފަހު ވަގުތު، އުމުރުން 17 އަހަރުގެ ފޯވާޑް އަހުމަދު އަބްދުލްކިމް ކާމިޔާބް ކޮށްދިން ގޯލުންނެވެ.
"އަހުމަދަކީ ތަފާތު ކުޅުންތެރިއެއް. 18 އަހަރުން ދަށުގެ ޓީމަށް ވެސް ކުޅެމުން އަންނަ އެ ކުޅުންތެރިއާ ސީނިއާ ޓީމަށް ނެގީ ވެސް އޭނާގެ ކުޅުންފެނި ތަފާތު ކުޅުންތެރިއަކަށް ވުމުން. އެއީ ޔަމަން ޓީމްގެ މުސްތަގްބަލް،" އަބްރަހަމް ބުންޏެވެ.
އަބްރަހަމް ބުނީ ފުރަތަމަ މެޗު ރަށުން ބޭރުގައި ކުޅޭ އިރު އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ރާއްޖެ ވަރަށް ވަރުގަދަ ވާނެ ކަމަށާއި މާދަމާގެ މެޗަށް ނިކުންނާނީ އެކަން ދަނެގެން ރާއްޖެއާ މެދު ވަރަށް ބޮޑަށް ފަރުވާތެރިވެގެން ކަމަށެވެ.
ކޮލިފައިންގެ ފުރަތަމަ ލެގުގެ މެޗު މާދަމާ ރޭ 21:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅެން ހަމަޖެހިފައިވާ އިރު ޔަމަންގައި ކުޅެންޖެހޭ ދެވަނަ ލެގްގެ މެޗު ވަނީ، އެގައުމުގައި ކުރަމުންދާ ދާހިލީ ހަނގުރާމައިގެ ސަބަބުން ގަތަރުގައި ކުޅުމަށް ނިންމާފައެވެ.
"ގައުމުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން 2012 ވަނަ އަހަރުން ފެށިގެން އަމިއްލަ ގައުމުގައި އަދި މެޗެއް ނުކުޅެން. އެކަމުގެ ސަބަބުން އެންމެ އެކަށީގެންވާ ކުޅުން ވަނީ ދެއްކޭ ގޮތް ނުވަފެ. ނަތީޖާ އަށް ވެސް ވަރަށް ބޮޑަށް އަސަރު ކުރޭ،" އަބްރަހަމް ބުންޏެވެ.
އަބްރަހަމް ބުނީ މާދަމާގެ މެޗަށް ޔަމަން ޓީމް ނިކުންނާނީ ސީދާ ތިން ޕޮއިންޓް ހޯދަން ކަމަށާއި މަދުވެގެން ޕޮއިންޓަކުން ވެސް ފުއްދާލެވޭނެ ކަމަށެވެ.