01 Jun 2016, 19:09
ރާއްޖޭގައި އިންވެސްޓްކުރުމަށް އައިސްއުޅޭ ޗައިނާ މީހެއްކަމަށްބުނެ، މަކަރާއި ހީލަތުން މީހެއްގެ އަތުން 77000 އެއްހާ ރުފިޔާ ހޯދަން މަސައްކަތްކުރި މައްސަލައެއްގައި ތިން ދިވެހީން ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ހުސްވި މެއި މަހުގެ 28 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ދެ ފިރިހެނުންނެވެ.
ފުލުހުން ބުނީ އެ ތިން މީހުން ހައްޔަރުކޮށްފައިވަނީ ރާއްޖޭގައި އިންވެސްޓްކުރުމަށް އައިސްއުޅޭ ޗައިނާ މީހެއްކަމަށްބުނެ މީހަކަށް ގުޅައި، ބައްދަލުކުރަން ބޭނުންކަމަށާއި ބައްދަލުކުރުމުގެ ކުރިން ނިންމަންޖެހޭ ބައެއް ކަންތައްތައް ނިންމުމަށް 5000 ޑޮލަރަށްވާ ދިވެހި ފައިސާ ހިފައިގެން އައުމަށްބުނެ މަކަރާއި ހީލަތުން ފައިސާ ހޯދަން އުޅުނު ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މައްސަލައިގައި ތުހުމަތު ކުރެވޭ 44 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ، "ޗައިނާމީހާ" އާ ބައްދަލުކުރަން ދިޔުމުގެ ކުރިން އިމްޕީރިއަލް ކައިރީހުރި މީހަކާ ބައްދަލުކޮށް އޭނާގެ އަތުގައި އޮތް ސީޑީއަކާއި "ޑިވައިސް" އެއް ހިފައިގެން އައުމަށާއި އެތަކެއްޗަށް ދައްކަންޖެހޭ ފައިސާ ހަވާލުކުރުމަށް ފޯނުގެ ވެރިފަރާތްކައިރީގައި ބުނުމުން އެމީހާ އެތަނަށް ގޮސް 44 އަހަރުގެ މީހާއާ ބައްދަލުކުރި ތަނުން ކަމަށް ފުލުހުން ބުނެ އެވެ.
އަށާވީސް އަހަރުގެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އިމްޕީރިއަލް ކައިރިން ހައްޔަރުކުރި 44 އަހަރުގެ މީހާގެ ފޯނަށް ގުޅައި ބޮޑުތަކުރުފާނު މަގު ފިހާރައެއް ކައިރީ ހުރި މީހަކަށް ފައިސާ ހަވާލުކުރަން ބުނުމުން އެމީހާއާ ބައްދަލުކުރުމަށް އެތަނަށް ގޮސް އެތަނުގައި ތިބި ދެމީހުންގެ ތެރެއިން އެކެއްގެ އަތަށް ފައިސާ ހަވާލުކުރި ތަނުންނެވެ.
ފުލުހުން ބުނީ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ތިން މީހުންނަކީވެސް ތަފާތު މައްސަލަތަކުގެ ރެކޯޑް އޮންނަ މީހުން ކަމަށާއި އެމީހުންގެ ތެރެއިން 28 އަހަރުގެ އެކަކަކީ ޕެރޯލްގެ ދަށުން ދޫކޮށްލާފައިހުރި މީހެއް ކަމަށެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީ އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް ހަތް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރި އިރު މާފުށީ ޖަލުގައި ހުރި ގައިދީއަކާއި އެ މައްސަލައާ ގުޅުންހުރި ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއާ ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި އެ އޮޕަރޭޝަންގައި ޖަލުގެ ގޮޅިއެއް ބަލައި ފާސްކޮށް އެ މައްސަލައާ ގުޅުންހުރި ސިމް ކާޑެއް ހޯދާފައިވާ ކަމަށެވެ.