ކައިރޯ(ޖޫން 1): މެޑިޓަރޭނިއަން ކަނޑަށް ވެއްޓުނު އިޖިޕްޓްއެއާގެ އެމްއެސް804ގެ ކަޅުފޮށީގެ ސިގްނަލެއް ކަމަށް ބެލެވޭ ސިގްނަލެއް ފްރާންސުގެ ކަނޑު ބޯޓަކަށް ލިބިފައިވާ ކަމަށް ބޯޓު ވެއްޓުނު މައްސަލަ ތަހުގީގު ކުރަމުންދާ މިސްރުގެ ކޮމިޓީން ބުނެފި އެވެ.

އެކޮމިޓީން އާއްމު ކުރި ބަޔާނަކާ ހަވާލާދީ މިސްރުގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން ވަނީ ބޯޓަށް ވީނުވީ ދެނެގަތުމަށްޓަކައި ބޯޓުގެ ކަޅު ފޮށި ހޯދަން އިތުރު މަސައްކަތް ކުރަން ފަށާފައިވާ ކަމަށް ބުނެފަ އެވެ. އަދި ފްރާންސުގެ ނޭވީގެ ބޯޓެއް ކަމަށްވާ ލާ ޕްލޭސްއަށް މެޑިޓެރޭނިއަންގެ ސީބެޑުން ކަޅު ފޮށިން ފޮނުވާ ސިގުނަލްތައް ކަމަށްވާ "ލޮކޭޓާ ޕިންގްސް" ލިބިފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

ބޯޓުގެ ބައެއް ބައިތައް މިހާރު ފެނިފައިވާއިރު، ބޯޓު ހޯދާ ސަރަހައްދު މިހާރު ވަނީ ފަސް ކިލޯމީޓަރަށް ކުޑަކޮށްފަ އެވެ. އަދި ކަނޑުގެ އަޑިން ތަކެތިި ހޯދަން ހާއްސަ މޮރިޝަސްގެ ބޯޓެއް މިއަންނަ ހަފްތާ ތެރޭގައި ބޯޓު ހޯދުމުގެ މަސައްކަތުގައި ބައިވެރިވާނެ ކަމަށް ސިވިލް އޭވިއޭޝަންގެ ބަޔާނުގައިވެ އެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު އިޖިޕްޓްއެއާގެ އެމްއެސް804 މިސްރުގެ އައްސޭރިފަށާ 170 ކިލޯމީޓަރު ދުރުން މެޑިޓެރޭނިއަން ކަނޑަށް ވެއްޓިފައި ވަނީ ފްރާންސުގެ ޕެރިހުން މިސްރުގެ ގާހިރާއަށް ދަތުރުކުރި މަގުމަތީގަ އެވެ. ބޯޓު ވެއްޓުނު އިރު ބޯޓުގައި ދަތުރު ކުރަމުންދިޔަ 66 މީހުންގެ ތެރެއިން 30 މީހުންނަކީ މިސްރުގެ ރައްޔިތުންނެވެ. އަދި 15 ރައްޔިތުންނަކީ ފްރާންސުގެ ރައްޔިތުންނެވެ. އޭގެ އިތުރުން 10 ގައުމެއްގެ ފަސިންޖަރުން ބޯޓުގައި ތިއްބެވެ. (ސީއެންއެން)