01 Jun 2016, 19:12
އިނގިރޭސި ވިލާތުގައި މިހާރު ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެގައުމުގެ ސަރުކާރުން ސިޔާސީ ހިމާޔަތް ނުވަތަ ޕޮލިޓިކަލް ރެފިއުޖީއެއްގެ ސްޓޭޓަސް ދިނުމާ ބެހޭގޮތުން، ޔޫކޭގެ ސަރުކާރުން އަދިވެސް ދިވެހި ސަރުކާރަށް އެއްޗެއް ވިދާޅު ނުވާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރަށް ޖަލަށް ލެވުނު ކުރީގެ ރައީސް މުހައްމަދު ނަޝީދު، ސިއްހީ ފަރުވާ ހޯދެއްވުމަށް ކަމަށް ވިދާޅުވެ އިނގިރޭސި ވިލާތަށް ވަޑައިގަތީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. އޭގެ ފަހުން، އެކި ފަހަރު މަތިން ސަރުކާރުން ވަނީ އެމަނިކުފާނަށް މެޑިކަލް ލީވްގެ މުއްދަތު އިތުރު ކުރައްވައިފަ އެވެ.
ރައީސް ނަޝީދުގެ ގާނޫނީ ވަކީލް ހަސަން ލަތީފް، މެއި މަހުގެ 22 ވަނަ ދުވަހު ސަންއަށް ވިދާޅުވީ އިނގިރޭސި ވިލާތުން ރައީސް ނަޝީދަށް "ޕޮލިޓިކަލް ރެފިއުޖީ ސްޓޭޓަސް" ގެ ހިމާޔަތް ދެއްވާފައިވާ ކަމަށެވެ.
ފޮރިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ، ރައީސް ނަޝީދު އިނގިރޭސި ވިލާތުގައި މިހާރު ހުންނެވި ގާނޫނީ ހައިސިއްޔަތު އެންގުމަށްޓަކައި، ދިވެހި ސަރުކާރުން ޔޫކޭއަށް ސިޓީއެއް މިދިޔަ ހަފްތާގައި ފޮނުވި ކަމަށެވެ.
ނަމަވެސް އެއްވެސް ޖަވާބެއް މިހާތަނަށް ލިބިފައި ނުވާކަމަށް ދުންޔާ ވިދާޅުވި އެވެ.
"ރައީސް ނަޝީދުގެ މައްސަލައިގައި، ރަސްމީކޮށް ޔޫކޭ ސަރުކާރުގައި، ރައީސް ނަޝީދުގެ ލީގަލް ސްޓޭޓަސް އެންގުމަށް ދަންނަވާފައި ވާނީ. މިދިޔަ ހަފްތާގައި އަޅުގަނޑު ވާނީ ސިޓީއެއް ފޮނުވާފައި، ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ މިނިސްޓަރު ހޫގޯ ސްވަޔާއަށް. އަދި އެއްވެސް ރަސްމީ ޖަވާބެއް ލިބިފައެއް ނުވޭ،" ދުންޔާ ވިދާޅުވި އެވެ.
މިވަގުތު ޔޫކޭގައި ހުންނެވި ރައީސް މުހައްމަދު ނަޝީދާއި، ޔޫކޭގައި ތިއްބެވި ރާއްޖޭގެ އިދިކޮޅު އެހެން ފަރާތްތަކާ ގުޅިގެން ވަނީ، ގުޅިފައިވާ އިދިކޮޅު ސިޔާސީ އިއްތިހާދެއް އުފައްދަވައި، އެކަން އިއުލާނު ކުރައްވައިފަ އެވެ. އެ އިއްތިހާދުގެ ވެރިއެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ހަމަޖައްސާފައިވާ އިރު، އިދިކޮޅު ފަރާތްތައް ހިމެނޭ ގޮތަށް، 19 މިނިސްޓަރުންގެ ޝެޑޯ ކެބިނެޓެއް ވެސް މިއަދު ވަނީ އިއްތިހާދުގެ ފަރާތުން އިއުލާން ކޮށްފަ އެވެ.