އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ޕްލޭ އޯފްގައި ޔަމަނާ ދެކޮޅަށް ނުކުންނަ އިރު، އެންމެ ބޮޑު ކަންބޮޑުވުމަކީ ފަރިތަކުރުންތައް މަދުވުން ކަމަށް ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު ރިކީ ހާބަޓް ބުނެފި އެވެ.

މާދަމާ ރޭ މާލޭގައި ކުޅޭ ފުރަތަމަ ލެގު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ހާބަޓް ބުނީ، ރާއްޖޭގެ ޓީމަށް ކުރިއަށް ގެންދެވުނީ ދެ ތިން ފަރިތަކުރުމުގެ ސެޝަނެއް ކަމަށެވެ.

"ވަރަށް މަދުން ފަރިތަކުރުންތައް ކުރިއަށް ގެންދެވުނީ. މިހާރު އިންތިހާބު ވެސް ނިމިއްޖެ، ދެން އަހަރެމެން ކުރިއަށް މި ބަލަނީ ގައުމީ ޓީމަށް ރަނގަޅު ރޭވުންތަކެއް ރާވަން. އަހަރެމެން ދެތިން ޓްރެއިނިން ސެޝަނެއް ކުރިއަށް ގެންދިޔައީ. އަހަރެމެން ވެލެންސިއާއާ ދެކޮޅަށް އެކަނި ޓްރެއިނިން މެޗެއް ކުޅުނީ. އެހެންނަމަވެސް އަހަރެމެން މާދަމާގެ މެޗަށް ތައްޔާރުވާނަން،" އޭނާ ބުންޏެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު ރިކީ ހާބަޓް(ވ) ވާހަކަދައްކަނީ: ފަރިތަކުރުންތައް މަދުވި ނަމަވެސް، މާދަމާގެ މެޗަށް ތައްޔާރު ކަމަށް އޭނާ ބުނޭ --- ސަން ފޮޓޯ: މުއާވިޔަތު އަންވަރު

ހާބަޓް ބުނީ، ސާފް ޗެމްޕިއަންޝިޕާއި ވޯލްޑް ކަޕް ކޮލިފައިންގައި ލިބުނު ނާކާމިޔާބަށް ފަހު، މާދަމާގެ މެޗަކީ އާ ފެށުމެއް ކަމަށާއި އެ މެޗަކީ ކުޅުންތެރިންނަށް ވެސް ލިބޭނެ ވަރަށް ރަނގަޅު ފެށުމެއް ކަމަށެވެ. އަދި ކުރިއަށްއޮތް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރަން ބޭނުންނަމަ، ކާމިޔާބީ ދުވަސްތައް ގެންނަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"ކޯޗެއް ނަމަ، އަބަދުވެސް ކަންބޮޑުވާ ކަންތައްތަކެއް ހުންނާނެ. ލީގުގައި ބައެއް ކުޅުންތެރިން ދައްކާ ކުޅުން އެހާ ރަނގަޅެއް ނޫން. ބައެއް ކުޅުންތެރިން ގައުމީ ޓީމަށް ނެގުމުން ހިތްވަރާއެކު ކުޅުން ރަނގަޅުކުރޭ. އަހަރެންނަށް ވަރަށް ރަނގަޅަށް ކުޅުންތެރިންގެ ފެންވަރާއި، އެ ކުޅުންތެރިޔަކަށް ކުރެވިދާނެ ކަންތައްތައް އެނގޭ. މިދިޔަ ދުވަސްތަކުގައި ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކަންތައްތަކެއް ފެނިގެންދިޔަ،" އޭނާ ބުންޏެވެ.

ހާބަޓް ބުނީ، 2007 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި މާލޭގައި ކުޅުނު މެޗުގައި ޔަމަނުގެ މައްޗަށް ކުރި ހޯދުނު ކަމަށް ވިޔަސް، އެއީ ވަރަށް ކުރިން ކުޅުނު މެޗެއް ކަމަށާއި މިހާރު ޔަމަނު ޓީމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި މާދަމާ ރޭގެ މެޗެއް ނުކުންނަ އިރު، ވޯލްޑް ކަޕް ކޮލިފައިންގައި ބޮޑެތި ޓީމުތަކަކާ ދެކޮޅަށް އެ ޓީމު މެޗުތަކެއް ކުޅެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު ރިކީ ހާބަޓް(ވ) އާއި ޔަމަނު ޓީމުގެ ކޯޗު އަހްމަދު އަލީ ގާސިމް(ކ) ސަލާމްކުރަނީ: ފަރިތަކުރުންތައް މަދުވި ނަމަވެސް، މާދަމާގެ މެޗަށް ތައްޔާރު ކަމަށް ހާބަޓް ބުނޭ --- ސަން ފޮޓޯ: މުއާވިޔަތު އަންވަރު

"އަހަރެމެން އިދިކޮޅު ޓީމަށް އިހުތިރާމް ކުރަން، 2007 ވަނަ އަހަރަކީ ވަރަށް ކުރި. މިހާރު އެ ޓީމަކީ މުޅިން ތަފާތު ޓީމެއް ކަމަށް އަހަރެން ދެކެނީ. ރާއްޖެއަށް އޮތީ އެ ޓީމު ކައިރީގައި ރަނގަޅަށް ކުޅުން. އިންތިހާބު ނިމިގެން ދިޔުމަކީ ހުރިހާ އެންމެންނަށް ވެސް ރަނގަޅު ކަމެއް. މެޗަށް ވެސް ވަރަށް ރަނގަޅު ކަމަކަށް ވާނެ. އުންމީދަކީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ފުޓްބޯޅަ ވަރުގަދަ ވާނެ ކަމަށް. ކުޅުންތެރިންނަށް ވެސް އެއީ ރަނގަޅު ކަމެއް،" ހާބަޓް ބުންޏެވެ.

އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ޕްލޭ އޯފްގައި ޔަމަނާއި ރާއްޖެ ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 9:00 ގައެވެ.