ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ލީޑަރަކަށް އައްޔަންކޮށް، އިދިކޮޅު އިއްތިހާދު އުފައްދަވައި އޭގެ ދަށުން ޝެޑޯ ކެބިނެޓްގެ ނަމުގައި ކެބިނެޓެއް އެކުލަވާލައިފި އެވެ.

އިދިކޮޅު އިއްތިހާދު އިއުލާނުކުރަން މިއަދު ލަންޑަނުގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ކެބިނެޓް އިއުލާކުކުރެއްވީ ޑރ. ޖަމީލު އެވެ. ހިޔަނި ކެބިނެޓްގެ ޑިފެންސް މިނިސްޓަރަކަށް ހަމަޖެއްސެވީ ކުރީގެ ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީން އެވެ. އަދި ހޯމް މިނިސްޓަރަކަށް ހަމަޖައްސަވާފައި ވަނީ މަޖިލީހުގެ ކުރީގެ ކެންދޫ ދާއިރާގެ މެމްބަރު އަހުމަދު ތަސްމީން އަލީ އެވެ.

ކެބިނެޓްގައި އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެވެ. އެ ތިން ބޭފުޅުންނަކީ ވެސް ޖަލު ހުކުމް ތަންފީޒު ކުރައްވަމުން އަންނަ ތިން ބެފުޅުންނެވެ.

ނައިބު ލީޑަރަކީ އެމްޑީޕީގެ ޗެއާ ޕާސަން އަލީ ވަހީދު އެވެ.

ޝެޑޯ ކެބިނެޓްގެ މިނިސްޓަރުން

  • ޑިފެންސް މިނިސްޓަރު އަބްދުﷲ އަމީން
  • ހޯމް މިނިސްޓަރު އަހުުމަދު ތަސްމީން އަލީ
  • ހައުސިންގް މިނިސްޓަރު އަހުމަދު ނަޝީދު
  • އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު
  • ހަޔަ އެޑިއުކޭޝަން މިނިސްޓަރު މުސްތަފާ ލުތުފީ
  • ފޮރިން މިނިސްޓަރު އަހުމަދު ނަސީމް
  • ފިނޭންސް މިނިސްޓަރު މުހައްމަދު ޝިހާބު
  • ޓްރާންސްޕޯޓް މިނިސްޓަރު އާދަމް އާޒިމް
  • ފިޝަރީޒް މިނިސްޓަރު އިބްރާހީމް އަމީރު
  • އެންވާރަމެންޓް މިނިސްޓަރު މުހައްމަދު އަސްލަމް
  • ޖުޑިޝަލް މިނިސްޓަރު ހިސާން ހުސައިން
  • އިސްލާމިކް މިނިސްޓަރު އަބްދުލް މަޖީދު އަބްދުލް ބާރީ
  • ސްޕޯޓްސް މިނިސްޓަރު މުހައްމަދު ޝިފާޒް
  • ސިވިލް ރައިޓްސް މިނިސްޓަރު ހަސަން ލަތީފް
  • ލޯކަލް ގަވަމެންޓ ޑިސެންޓަރަލައިޒޭޝަން މިނިސްޓަރު ގައިސް ނަސީރު
  • ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފް
  • ގެސްޓްހައުސް މިނިސްޓަރު މުހައްމަދު މަލޫހު ޖަމާލު
  • އިންޑިޕެންޑެންޓް ކޮމިޝަން މިނިސްޓަރު އަލީ ނިޔާޒް
  • ކޮންސްޓިޓިއުޝަލަން ރިފޯމް މިނިސްޓަރު ހުސައިން ޝަމީމް
  • ސްޕޯކްސް ޕާސަން - އަހުމަދު މަހުލޫފް

އިދިކޮޅު އިއްތިހާދުން އިއުލާޏުކުރި ކެބިނެޓުގައި ރާއްޖޭގައި ކަނޑައަޅާ މިނިސްޓަރުންގެ މަގާމުތަކުގެ އިތުރުން އިތުރު މަގާމުތަކެއް އެކުލަވާލާފައިވާކަން ފާހަގަކުރެވެ އެވެ. އެގޮތުން ކޮންސްޓިޓިއުޝަނަލް ރިފޯމް މިނިސްޓަރާއި ގެސްޓްހައުސް މިނިސްޓަރެއް ވެސް ކަނޑައަޅާފައިވާކަން ފާހަގަކޮށްލެވެ އެވެ.

އިދިކޮޅު އިއްތިހާދުގައި ކާނަލް ނާޒިމްގެ ފަރާތުން އަމަނިކުފާނުގެ ކޮއްކޮ އާދަމް އާޒިމާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފަރާތުން އަނބިކަނބަލުން ލިއުޝާ އާއި އަދާލަތު ޕާޓީގެ ފަރާތުން އަލީ ޒާހިރު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. އޭގެ އިތުރުން އެމްޑީޕީގެ ފަރާތުން ޗެއާޕާސަން އަލީ ވަހީދުއާއި ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އަހުމަދު މަހްލޫފު ވެސް އިއްތިހާދުގައި ހިމެނެ އެވެ.

ރައީސް ނަޝީދު ވިދާޅުވީ އިއްތިހާދުގެ ލީޑަރަކީ "އިންތިހާބީ ނައިބު ރައީސް" ޑރ. މުހައްމަދު ޖަމީލު އަހުމަދު ކަމަށެވެ. އިއްތިހާދުގެ އެންމެ ބޮޑު ބޭނުމެއްގެ ގޮތުގައި ރައީސް ނަޝީދު ފާހަގަކުރެއްވީ އިދިކޮޅު ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކުން ސަލާމަތްވެ ގައުމަށް ޑިމޮކްރަސީ ގެނައުން ކަމަށެވެ. އަދި ވިދާޅުވީ 2018 ވަނަ އަހަރުގެ ކުރިން އިންތިހާބެއް ބޭއްވުމަށް މަސައްކަތް ކުރައްވާ ކަމަށާއި އަދި އެއީ އިންތިގާލީ ސަރުކާރަކަށް ޖާގަ ހޯއްދެވުން ކަމަށާއި އެ އިންތިގާލީ ސަރުކާރުގައި ރައީސް ކަން ކުރައްވާނީ ޑރ. ޖަމީލު ކަމަށެވެ.

މީގެކުރިން ވެސް އިދިކޮޅު ފަރާތްތަކުން އެއްވެގެން އިއްތުހާދެއް އެއްކޮށް 2008 ގައި މަސައްކަތް ކުރި ނަމަވެސް ފަހުން އެ އިއްތިހާދު ބައިވެގެން ދިޔަކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ މިފަހަރުގެ އިއްތިހާދަކީ ކުރިއަށްވުރެ ވަރުގަދަ ގުޅުން ބަދަހި އިއްތިހާދެއް ކަމަށެވެ. އަދި އެ އިއްތިހާދުން މަސައްކަތް ކުރާނީ ގައުމަށް ޓަކައި ކަމަށް ނަޝީދު ވިދާޅުވި އެވެ.