15 May 2011, 13:31
ކުޑަ އަންހެން ކުއްޖަކާ އެކު ބަދުއަހުލާގީ އަމަލު ހިންގެވި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ހުރި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު ހަސަން އާދިލުގެ މައްސަލަ ޝަރީޢަތަށް ހުށަހެޅުން ލަސްވަމުން ދާތީ އެކަމާ އާއިލާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫފްގެ މެންބަރު އާދިލް ބަދުއަޚްލާގީ ޢަމަލެއް ހިންގެވި ކަމަށް ބުނާ 13 އަހަރުގެ ކުއްޖާގެ އާއިލާގެ މީހަކު މިއަދު ޕީޖީ އޮފީސް ތެރޭގައި ހުރެ ސަން މަޢުލޫމާތު ދެމުން ބުނީ އެ މައްސަލަ ލަސްވެގެން އުޅެނީ އަދިވެސް ފުލުހުންނަށް ގުޅައިގެން ހޯދަން ބޭނުންވާ ބައެއް ހެކި ނުލިބިގެން ކަމަށް ޕީޖީން ބުނާ ކަމަށެވެ. އަދި ހެކި ލިބުނުހާ އަވަހަށް މިހަފްތާ ތެރޭގައި ވެސް މައްސަލަ ކޯޓަށް ވެއްދިދާނެ ކަމަށް ޕީޖީގެ އޮފީހުން ބުނާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ކޮންމެ ގޮތެއް ވިޔަސް މައްސަލަ ލަސްވަމުންދަންޏާ އަޅުގަނޑުމެން ކަންތައް ބޮޑުވާނެ ނޫންތޯ. އެހެންވެގެން މި އުޅެނީ،" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ނަމަވެސް އެ މައްސަލާގައި ޕްރެސިކިއުޓާ ޖެނެރަލް އޮފީހުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
އާދިލުގެ މައްސަލަ ޝަރީއަތަށް ފޮނުވުން ލަސްވަމުންދާ އިރު އޭނާގެ ގޭ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ރޭ ވަނީ 10 ދުވަހަށް އިތުރުކޮށްދީފަ އެވެ.
ކުޑަކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގެވި ކަމަށް ބުނާ މައްސަލަ ބަލައިދިނުމަށް އެދި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައި ވަނީ އާދިލްގެ ކުރީގެ އަންހެނުން ކަމަށް ވެސް ސަން އަށް ވަނީ އެނގިފަ އެވެ.
މިވަގުތު ވެސް ގޭބަންދުގައި ހުންނެވި އާދިލްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފައި ވަނީ އާދިލް ބަންދުން ދޫކޮށްލައިފި ނަމަ ހެކި ފޮރުވަން މަސައްކަތްކޮށް، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިތުރުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލަކަށް ވެދާނެތީ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.