01 Jun 2016, 15:50
ރާއްޖޭގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ގުޅިފައިވާ އިއްތިހާދެއް އިއުލާނު ކުރުމަކީ ސަރުކާރަށް އޮތް ގޮންޖެހުމެއް ނޫން ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ، ޑިމޮކްރަސީއެއްގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ސިޔާސީ ހަރަކާތްތަކެއް ކުރިޔަށް ގެންދާނެ ކަމަށާއި އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.
އިނގިރޭސި ވިލާތުގެ ލަންޑަނުގައި ތިއްބެވި ރާއްޖޭގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން މިއަދު ވަނީ ގުޅިފައިވާ އިދިކޮޅު އިއްތިހާދެއް އިއުލާނުކޮށް، އެ އިއްތިހާދުގެ ލީޑަރަކީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ކަމުގައި ހަމަޖައްސައިފަ އެވެ.
މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ، ވެރިކަން ކުރާ ޕާޓީއަކުން ވަރުގަދަ ސަރުކާރެއް ގާއިމުކޮށްފައިވާ އިރު، އިދިކޮޅު ފަރާތްތަކުން އިއްތިހާދަކާ އެކު ގުޅުމަކީ އާ ކަމެއް ނޫން ކަމަށެވެ.
"މިއީ އެހެން ގައުމުތަކުން އަދި ރާއްޖޭގެ ތާރީހުން ވެސް ފެނިފައިވާ ކަމެއް،" ދުންޔާ ވިދާޅުވި އެވެ.
ދުންޔާ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އިއްތިހާދު ވުމަކީ ސަރުކާރަށް އެއްވެސް ގޮންޖެހުމެއް ނޫން ކަމަށެވެ. އަދި ސަރުކާރުން ވަރަށް ސާބިތުކަން މަތީ ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެ މަސައްކަތްތަކަށް ކާމިޔާބީތަކެއް ވެސް ލިބެމުންދާ ކަމަށް ދުންޔާ ވިދާޅުވި އެވެ. އެގޮތުން، ބޭރުގެ ފަރާތްތަކުން ވެސް ރާއްޖެއަށް އެހީތެރިވެދިނުމަށް ތައްޔާރަށް ތިބިކަން ދުންޔާ ފާހަގަ ކުރެއްވި އެވެ.
"ބޭރުގެ ފަރާތްތަކަށް ވެސް، ރާއްޖޭގައި ހުރި ގޮންޖެހުންތައް އެނގޭ. ކަންކަން ރަނގަޅު ކުރުމަށް ސަރުކާރުގެ ކޮމިޓުމެންޓާއި އަޅުގަނޑުމެން ކުރަން ބޭނުންވާ މަސައްކަތްތަކުގެ ތަފްސީލު ލިބުމުން އެކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ތިބިކަން، އީޔޫއާ އެކު ބޭއްވި ޕޮލިސީ ޑައިލޮގްއިން ވެސް ހާމަވެގެން ދިޔަ،" ދުންޔާ ވިދާޅުވި އެވެ.
ދުންޔާ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ގުޅިފައިވާ އިއްތިހާދެއް އުފެއްދިކަމުގެ ހަބަރު، މީޑިއާގެ ޒަރިއްޔާއިން އެނގިފައިވާ ކަމަށާއި ނަމަވެސް މާ ގިނަ ތަފްސީލެއް އެކަމުގައި ލިބިފައި ނުވާ ކަމަށެވެ. އަދި އެކަން ރަސްމީކޮށް ސަރުކާރަށް އެނގިފައި ނުވާކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.