ރާއްޖޭގައި ތެލެސީމިއާ ކޮންޓްރޯލް ކުރުމާ ގުޅޭގޮތުން ސައިޕްރަސްއާއެކު މަޝްވަރާކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސްވިޓްޒަލެންޑްގެ ޖެނީވާގައި އޮތް ދުނިޔޭގެ ސިއްހަތާބެހޭ ބައިނަލްއަގުވާމީ މަޖިލިސް ނުވަތަ ވޯލްޑް ހެލްތު އެެސެމްބްލީއާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް މިއަދު ވިދާޅުވީ، އެ އެސެބްލީގައި ބައިވެރިވި ބައެއް ގައުމުތަކާ އެކު ތަފާތު މަޝްވަރާތައް ކުރެވިގެން ދިޔަ ކަމަށެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ، ސައިޕްރަސްއަކީ ތެލެސީމިއާ ކޮންޓްރޯލް ކޮށްފައިވާ ތަނެއް ކަމަށާއި އެހެންކަމުން އެތަނުގެ ތަޖުރިބާގެ އަލީގައި ރާއްޖޭގައި ވެސް ތެލެސީމިއާ ކޮންޓްރޯލް ކުރެވޭނެ އިންތިޒާމަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

"އަދި އެބޭފުޅުންގެ {ސައިޕްރެސް} އެކްސްޕަޓީސް އަޅުގަނޑުމެންނަށް ހޯދުމަށް އެބޭފުޅުން އެ ގެންގުޅުއްވާ ރަޖިސްޓްރީއާ ޑޭޓާބޭސްގެ އިތުރުން އަޅުގަނޑުމެން ބޭނުންވޭ އެބޭފުޅުން ތެލެސީމިއާ ކޮންޓްރޯލް ކުރުމަށް ބޭނުން ކުރެއްވި މެކޭނިޒަމް. އެގޮތުން ދިވެހިރާއްޖެއާ ސައިޕްރަސްއާ ދެމެދުގައި އެމްއޯޔޫއެއް ސައިން ކުރުމަށް ނިންމުނު،" އިރުތިޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސައިޕްރަސްގެ ހެލްތު މިނިސްޓަރު އެކަމަށް އެއްބާރުލުން ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ ސަޕްރަސްގެ އިތުރުން ކިއުބާގެ ހެލްތު މިނިސްޓަރާއެކު ވެސް މަޝްވަރާ ބައްދަލުވުމެއް ބޭވިގެން ދިޔަ ކަމަށެވެ. އެގޮތުން ކިއުބާގެ ޑޮކްޓަރުން ރާއްޖެ ގެނައުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވިގެން ދިޔަ ކަމަށް އިރުތިޝާމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖޭގެ ޑޮކްޓަރުންނަށް ސްކޮލާޝިޕް ނުވަތަ ތަމްރީން ޕްރޮގުރާމުތައް ކިއުބާއިން ހޯދައި ދިނުމަށް މަޝްވަރާ ކުރެވިގެން ދިޔަ ކަމަށް އިރުތިޝާމް ވިދާޅުވި އެވެ.

"މީގެއިތުރުން ނޭޕާލުގެ ހެލްތު މިނިސްޓަރާ ވެސް ބައްދަލުކުރިން. އެގޮތުން އާއިލާތަކުން އަދި ދިވެހި ސަރުކާރުން ވެސް ބޭނުންވެގެން މެޑިސިން ކޯހަށް ފޮނުވާއިރު އަދި ސްޕެޝަލިސްޓު ކޯހަށް ފޮނުވާއިރު ޕްލޭސްމަންޓު ނުލިބޭތީ އެހެން ގައުމުތަކުން ވެސް ލިބުން ދަތިވާތީ ނޭޕާލާއި ދިވެހިރާއްޖެއާ އަދި ނޭޕާލުގެ ޔުނިވާސިޓީތަކާއި ރާއްޖެއާ ކޮށްފައިވާ އެގްރީމެންޓުތަކުގެ ދަށުން އެފަދަ ޕްލޭސްމަންޓު އިތުރުކޮށްދިނުމާއި ގުޅޭގޮތުން ނޭޕާލާއި އެކު މަޝްވަރާ ކުރެވުނު،" އިރުތިޝާމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ބައްދަވުންތަކުގައި ސައުދީ އަރަބިއްޔާގެ ހެލްތު މިނިސްޓަރާއި ބައްދަލުކޮށް ރާއްޖެއިން ހައްޖަށް އަދި އުމްރާއަށް ދާ ފަރާތްތަކަށް ބޭނުންވާ ވެކްސިނާއި އަދި އެނޫންވެސް އެހެން އާލާތްތައް މިހާރަށް ވުރެ ރަނގަޅު ގޮތެއްގައި ލިބޭނެ ގޮތް ހެދުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެން ދިޔަ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ހުރި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ސިއްހީ ހިދުމަތްދޭ އާލާތްތަކާއި ގުޅޭގޮތުން ވެސް ސައުދީ އަރަބިއްޔާއާ އެކު މަޝްވަރާ ކުރެވިގެން ދިޔަ ކަމަށެވެ.