ބެންކޮކް (ޖޫން 1): ތައިލެންޑުގެ ބެންކޮކުގައި ހުންނަ ޓައިގާ ޓެމްޕްލްގެ ފްރީޒަރު ތެރެއިން ގާތްގަނޑަކަށް 40 ޅަމިނިކާވަގާއި ސާރިދޯޅައެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް އެގައުމުގެ ވައިލްޑްލައިފް ޑިޕާންޓްމެންޓުން ބުނެފި އެވެ.

މަރުވެފައިވާ ޖަނަވާރުތައް ފެނިފައިވާ ފްރީޒަރަކީ މިނިކާވަގަށް ދޭ ކާނާ ރައްކާ ކުރާ ފްރީޒަރު ކަމަށް ވެސް ވައިލްޑްލައިފް ޑިޕާޓްމެންޓުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް، އަޑިސަން ނުޗްޑަމްރޮންގު ވިދާޅުވި އެވެ.

"އެފައްޅިން ޅަމިނިކާވަގުތައް ރަޖިސްޓާކޮށްފައި ނުވޭ. އެއީ ގަވައިދާ ހިލާފަށް ގެންގުޅުނު މިނިކާވަގު،" ނުޗްޑަމްރޮންގު ވިދާޅުވި އެވެ.

ބެންކޮކުގެ ހުޅަނގުގައި ހުންނަ ޓައިގާ ޓެމްޕަލް އަކީ ފަތުރުވެރިންގެ މެދުގައި މަޝްހޫރު ތަނެކެވެ. ނަމަވެސް، އެފައްޅިން މަރުވެފައިވާ މިނިކާވަގު ފެނުމުން އެނގިގެން ދަނީ އެތާގައި ގަވައިދާ ހިލާފަށް ޖަނަވާރު ގެންގުޅުނުކަން ކަމަށް ވައިލްޑްލައިފް ފްރެންޑްސް ފައުންޑޭޝަން އޮފް ތައިލޭންޑުން ބުންޏެވެ.

"ސައިޓްސް [ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީސް] ގަރާރުގައިވާ ގޮތުން، ހިމާޔަތްކޮށްފައިވާ ޖަނަވާރު ވިއްސުމަކީ މަނާކަމެއް. އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި މަރުވެފައިވާ މިނިކާވަގު ރައްކާކޮށްފައި ވަނީ އޭގެ ގުނަވަންތައް ކަޅު ބާޒާރުގައި ވިއްކަން ވެގެން،" ޑަބްލިއުއެފްއެފްޓީގެ ވެރިޔާ ވިދާޅުވި އެވެ.

ޓައިގާ ޓެމްޕަލް އިން ގަވައިދާ ހިލާފަށް މިނިކާވަގު އެތެރެކޮށްފައިވާ ކަމަށް ގިނަ ބަޔަކު ޝަކުވާ ކުރުމާ ގުޅިގެން ތައިލެންޑުގެ ފުލުހުންނާއި ވައިލްޑްލައިފް އޮފިޝަލުން ވަނީ އެފައްޅީގައިވާ 137 މިނިކާވަގު ސަލާމަތް ކުރުމުގެ އޮޕަރޭޝަނެއް މިހަފްތާ ތެރޭގައި ފަށާފަ އެވެ. (އަލްޖަޒީރާ)