އައިއީޑީއެއް ހަރުކުރަން ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" އަށް އަރައިވަޑައިގެންނެވި ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ދިފާއުގައި ހުށަހެޅި ހެކީން ހާޒިރުކުރަން ދިން އެއްގަޑި އިރުގެ ތެރޭގައި ހެކީން ހާޒިރު ނުކުރެވުނީ ފޯނު ނިއްވާލާފައިވާތީ ހެކީންނަށް ގުޅޭނެ ގޮތެއް ނުވެގެން ކަމަށް އަދީބު ވިދާޅުވެއްޖެ އެވެ.

މިއަދު މެންދުރުފަހު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަބްދުލް ބާރީ ޔޫސުފް ވަނީ ހެކީން ހާޒިރު ކުރުމަށް 2:00 އިން ފެށިގެން 3:00 އަށް އެއްގަޑި އިރުގެ މުހުލަތެއް ދެއްވާފަ އެވެ.

ދިފާއީ ހެކީން ހާޒިރުކުރަން ދިން ވަގުތު ހަމަވުމުން 3:30 ހާއިރު ބޭއްވި އަޑުއެހުމުގައި އަދީބު ވިދާޅުވީ ދިފާއީ ހެކީންނަށް ގުޅިއިރު ފޯނު ވަނީ ނިއްވާލާފައި ކަމަށެވެ. އެހެންކަމުން މިއަދު ހެކީން ހާޒިރު ކުރެވޭގޮތް ނުވި ކަމަށާއި ހެކީން ހާޒިރުކުރަން އިތުރު ފުރުސަތަކަށް އެދޭ ކަމަށް އަދީބު ވިދާޅުވި އެވެ.

ނަމަވެސް އެ ފުރުސަތު ދެވެން ނެތް ކަމަށް ގާޒީ ބާރީ ވަނީ ވިދާޅުވެފަ އެވެ.

ބާރީ ވިދާޅުވީ ބަންދުގައި ބަހައްޓައިގެން ހާޒިރުކުރަނީ ކަމެއް ސާބިތުކޮށްދޭން ދައުލަތުން ހުށަހަޅާ ހެކީން އެކަނި ކަމަށެވެ.

ދިފާއީ ހެކީން ހުށަހެޅިއިރު، ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާ އުސޫލާއެއްގޮތަށް ފޯމުން ދިފާއީ ހެކީން ހުށަހަޅާފައިނުވާ ކަމަށް ވެސް ބާރީ ވިދާޅުވި އެވެ. އެހެންކަމުން ދިފާއީ ހެކީން ހާޒިރުކުރަން އެކަށީގެންވާ ފުރުސަތު ދެވިއްޖެ ކަމަށް ނިންމާ ކަމަށް ބާރީ ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި ވަނީ ދައުލަތުން ހުށަހެޅި ތިން މީހެއްގެ ހެކިބަސް ނަގާފަ އެވެ. އޭގެތެރެއިން ދެ މީހުންނަކީ އަދީބުގެ ފަރާތުން ދިފާއުގައި ހުށަހަޅާފައިވާ ހެކީންނެވެ.

މިއަދު ފުރަތަމަ ނަގާފައި ވަނީ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގައި އުޅެފައިވާ ސިފައިންގެ މީހެއް ކަމުގައިވާ އަހުމަދު ޚަލީލްގެ ހެކިބަހެވެ.

ހެކިބަސްދެމުން އަހުމަދު ޚަލީލް ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ރޭ އަދީބުގެ ބޮޑީގާޑު ހަސަން ރިކާޒު އެސްޕީޖީގެ ޑިއުޓީ ފޯނަށް ގުޅައި ޖެހިގެން އައި ދުވަހުގެ ހަވީރު 4:00 ގައި ނައިބު ރައީސް އާރަށަށް ދިޔުމަށް ދަތުރު ހަމަޖައްސަން އެންގި ކަމަށެވެ.

އެގޮތަށް އެންގުމުން އޭނާގެ މަތިން މަސައްކަތް ކުރައްވާ މޭޖާ އަބްދުއްސަލާމަށް ގުޅުމަށް ގުޅި ކަމަށާއި އޭނާ އެންގީ އާރަށުގެ އިސްވެރިޔަކަށް ގުޅުމަށް ކަމަށް ޚަލީލް ބުންޏެވެ.

އާރަށުގެ އިންޗާޖަކަށް ހުރި އިސްމާއީލް މުއާޒަށް ގުޅުމުން ރަސްމީ ލޯންޗުކޮޅުގައި މިހާތަނަށް އަދީބު އެއްވެސް ދަތުރެއް ކުރައްވާފައިނުވާ ކަމަށާއި އެހެންކަމުން އަދި އިތުރަށް ޗެކްކުރުމަށް އެދިވަޑައޮގަތް ކަމަށް ޚަލީލް ބުންޏެވެ.

"ދެން އަޅުގަނޑު ރިކާޒަށް ގުޅިން. ރިކާޒު ބުނީ ނައިބު ރައީސް ވިދާޅުވިއޭ ފިނިފެންމާ ލޯންޗުކޮޅު ހަމަޖައްސާށޭ،" ޚަލީލް ބުންޏެވެ.

އޭނާ ބުނީ ސައުދި އަރަބިއާ އަށް ކުރެއްވި ދަތުރުފުޅަށްފަހު މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންނެވި އިރު އަދީބު އެތަނަށް ވަޑައިނުގަންނަވާ ކަމަށެވެ. އަދީބު ވަރަށް ބޮޑަށް އާލާސްކަންފުޅާ އުޅުއްވާތީ އެތަނަށް ވަޑައިނުގަންނަވާނެކަމަށް އެމަނިކުފާނުގެ ބޮޑީގާޑު އަހުމަދު އާމިރު ބުނި ކަމަށް ވެސް ޚަލީލް ބުންޏެވެ.

އާމިރު އެގޮތަށް ވިދާޅުވިއިރު، ސެޕްޓެމްބަރު 28 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި އަދީބު ބައިވެރިވެވަޑައިގަތް ކަމަށް ވެސް ޚަލީލް ބުންޏެވެ.

އަދީބުގެ ވަކީލު މޫސާ ސިރާޖު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ޚަލީލް ބުނީ އަދީބު އެމްއެންޑީއެފް އަށް ގުޅުއްވައި ލޯންޗު ހަމަޖައްސަން އަންގާފައިނުވާ ކަމަށެވެ.

ޚަލީލަށްފަހު ދެން ހެކިބަސް ނަގާފައި ވަނީ އާރަށުގެ އިންޗާޖު އިސްމާއީލް މުއާޒުގެ ހެކިބަހެވެ.

ހެކިބަސް ދެއްވަމުން މުއާޒު ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު އެސްޕީޖީގައި މަސައްކަތް ކުރާ ޚަލީލް އޭނާ އަށް ގުޅައި ނައިބު ރައީސް އާރަށަށް ވަޑައިގަތުމަށް ލޯންޗު ހަމަޖައްސަން އެދުނު ކަމަށެވެ.

ޚަލީލް އެގޮތަށް އެދުމުން ދަތުރުކުރެވޭ ލޯންޗަކަށް އޮތީ ފިނިފެންމާ ލޯންޗުކޮޅު އެކި ކަމަށާއި ކުޑަ ލޯންޗެއް ހަމަޖެއްސިދާނެ ކަމަށް ދަންނަވާފައިވާނެ ކަމަށް މުއާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހެން ދެންނެވުމުން އިރުކޮޅަކުން ގުޅައި ފިނިފެންމާ ލޯންޗުކޮޅު ހަމަޖައްސަން ޚަލީލް އެދުނު ކަމަށެވެ.

އަދީބުގެ ވަކީލު ސިރާޖު މުއާޒުއާ ކުރެއްވި ބައެއް ސުވާލުތައް ނުކުރެވޭނެ ކަމަށް ގާޒީ ބާރީ އެންގެވުމުން ސިރާޖު ވިދާޅުވީ އޭނައާ ކުރާނެ އިތުރު ސުވާލެއް ނެތް ކަމަށެވެ.

ދެން ހެކިބަސްދީފައި ވަނީ އާރަށުގައި މަސައްކަތް ކުރާ ސިފައިންގެ މީހެކެވެ. އޭނާ ބުނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ރޭ ފިނިފެންމާ ލޯންޗުކޮޅުން އާރަށަށް ވަޑައިގަތީ އަދީބާއި އޭނާގެ ދެ ބޮޑީގާޑުން ކަމަށެވެ.

އެރަށުގައި އަދީބަށް ޚާއްސަކުރެވިފައިވާ ތަނުގައި މަޑުކުރެއްވުމަށްފަހު ބޮޑީގާޑު އާމިރާ އެކު އަދީބު މޫދަށް އެރިވަޑައިގަތް ކަމަށް ވެސް މޫސާ ޚަލީލް ބުންޏެވެ.

މިއަދު އެންމެފަހުން ހެކިބަސް ނެގި ފިނިފެންމާ ލޯންޗުކޮޅުގެ ފަޅުވެރިއެއް ކަމުގައިވާ މުހައްމަދު ސުޒައިލް ބުނީ ސެޕްޓެމްބަރު 27 ވަނަ ދުވަހު އަދީބު އާރަށް ވަޑައިގަތް ދަތުރުގައި ފަޅުވެރިއެއްގެ ހައިސިއްޔަތުން އޭނާ ވެސް ބައިވެރިވި ކަމަށެވެ.

އާރަށަށް އަދީބު ވަޑައިގަތްފަހުން އެނބުރި ފުރާވަޑައިގަންނަވަން ދެން ފަޅުވެރިން ތިބީ ލޯންޗުކޮޅުގައި ކަމަށާއި ފުރުމުގެ ކުރިން އަދީބު ލޯންޗުކޮޅަށް އަރާވަޑައިގެންފައިނުވާ ކަމަށް ވެސް ސުޒައިލް ބުންޏެވެ.

އާރަށަށް ވަޑައިގަތް ދަތުރުފުޅުގައި ލޯންޗުކޮޅުގެ ސެލޫން އޭރިއާގައި މަޑުކުރައްވައިގެން ތިއްބަވައި އަދީބާއި ބޮޑީގާޑުން ކުރެއްވި ކަމެއް އެނގޭތޯ ދައުލަތުން ދެންނެވުމުން އޭނާ ބުނީ އެތަނުގެ އެތެރެ ނުފެންނާތީ ކުރަނީ ކޮންކަމެއްކަން ނޭނގޭ ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ބާރީ ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުގެ 11:00 ގައި އެ މައްސަލައިގެ ޚުލާސާ ބަޔާން ހުށަހެޅުން އޮންނާނެ ކަމަށެވެ.

އެ މައްސަލަ އަކީ މީގެކުރިން ފަނޑިޔާރުންގެ ބެންޗަކުން ބަލަމުން އައި މައްސަލައެކެވެ. އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ އަހުމަދު ރަޝީދާއި ގާޒީ ސައީދު އިބްރާހީމާއި ގާޒީ އިބްރާހީމް އަލީ އެވެ.

ބާރީ މިއަދު ވިދާޅުވީ މިއަދަށްފަހު އެ މައްސަލަ ބައްލަވާނީ އޭނާ ކަމަށެވެ.