15 May 2011, 13:04
މިއަދު ޗާންދަނީމަގުން ދުއްވާފައި ދިޔަ ކެރޭނެއްގެ ބައެއް އިސްކަންދަރު ސްކޫލްގެ ކުރިމައްޗަށް ވެއްޓި، ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
މިއަދު މެންދުރު 12:15 އެހާކަންހާއިރު، އެވިންސް ގޯޅިން ދުއްވާފައި އައިސް ޗާންދަނީމަގަށް ނުކުންނަނިކޮށް، ކެރޭނުގެ ބައެއް ހަލަބޮލި ޗާނދަނީމަގަށް ވެއްޓިފައި ވަނީ ސްކޫލް ދަރިވަރުންނާއި ބެލެނެވެރިން ހަރަކާތްތެރިވަމުން ދަނިކޮށެވެ.
ކެރޭނުގެ ކުރީ ކޮޅު މަގުމަށްޗަށް ވެއްޓި ގެއްލުން ލިބިފައި ވަނީ އާރްކޭއެލްގެ ދެ މުވައްޒަފަކަށެވެ. ނަމަވެސް އެ ދު މުވައްޒަފުންނަށް ލިބުނު ގެއްލުމާއި އެއީ ކޮން ބައެއް ކަމެއް އާރުކޭއެލްއަކުން ނުބުންޏެވެ. އާރްކޭއެއްލެ އޮފިޝަލަކު މިއަދު ވިދާޅުވީ ކެރޭނުގެ ކުރީ ކޮޅުން ބައެއް ޗާނދަނީމަގަށް ވެއްޓުނީ ކެރޭނުގެ ދިގުކުރަން އިންނަ ޕިން ނެއްޓިގެން ކަމަށެވެ.
އޭނާ ވިދާޅުވީ ކެރޭނުގެ މައްސަލަ ހައްލު ކުރެވި، މަގުމައްޗަށް ވެއްޓުނު އެއްޗިއްސާ އެކު ކެރޭން ވެސް އެ ސަރަހައްދުން މިހާރު ގެންގޮސްފައިވާ ކަމަށެވެ.
"އޭގެ ދަނޑީގައި ދިގު ކުރަން އިންނަ ޕިން ނައްޓާލައިގެން، ފޮރޮޅާލީ. ޕިން އެޅުވުމާ އެކު މަސައްކަތަށް މިހާރު ކެރޭން ނުކުމެފައި ވަނީ." އޮފިޝަލް ވިދާޅުވި އެވެ.
ކެރޭނުން ބައެއް ވެއްޓުމުގައި އާރުކޭއެލްގެ ދެ މުވައްޒަފުން ފިޔަވައި އިތުރު މީހަކަށް އަދި ވެހިކަލަކަށް ނޫނީ ތަނަކަށް ގެއްލުމެއް ނުލިބޭ ކަމަށް އާރުކޭއެލް އިން ބުނެ އެވެ.
ޗާނދަނީމަގުގެ ހުރަހަށް އިސްކަންދަރު ސްކޫލް ކުރިމަށްޗަށް ކެރޭނުގެ ވެއްޓުމާ ގުޅިގެން، ސްކޫލް މަދަރަސާތައް ހިމެނޭ އެ ސަރަހައްދު ވަނީ ދުއްވާ އެއްޗިއްސަށް ނުވަދެވޭ ގޮތަށް ގަޑިއެއް ހާއިރަށް ބަންދުކޮށްފަ އެވެ.
ފުލުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
----------
ޗާނދަނީމަގު އިސްކަންދަރު ސްކޫލް ކުރިމަތިން ދުއްވާފައި ދިޔަ ކެރޭނެއްގެ ދަނޑީގެ ކުރީކޮޅުން ބައެއް މަގުމައްޗަށް ވެއްޓިއްޖެ އެވެ. [ތަފްސީލް އަންނަނީ]