ނިލަންދޫ މަގެއް ފ. އަތޮޅު ތައުލީމީ މަރުކަޒުގެ ގޮތުގައި ރެޖިސްޓްރީ ކޮށްދިން މައްސަލަ ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ބަލަމުން ދަނިކޮށް އެކޯޓަށް އެމައްސަލަ ނުބެލޭނެ ކަމަށް އަންގައި ސިވިލް ކޯޓުން އެމައްސަލަ ބަލަން ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގައި އެރަށު ކެނެރީވިލާ، ޢަބްދުއްރަޝީދު އިސްމާޢިލް ދައުވާ ކޮށްފައިވަނީ ފ. އަތޮޅު ތައުލީމީ މަރުކަޒަށް އެރަށުގެ ޗާންދަނީމަހު ރެޖިސްޓްރީ ކޮށްދިނީ ގަވައިދާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި އެވެ.

އެމައްސަލަ ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ނުބެލޭނެ ކަމަށް ކަނޑައަޅައި މިއަދު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ އެ ކޯޓުން ބެލި ބެލުމުން ނިލަންދޫ ކޯޓުން އެމައްސަލާގައި އަމަލުކޮށްފައި ވަނީ އިޖުރާއަތުތަކާއި އެއްގޮތަށް ނޫންކަން އެނގޭ ކަމަށެވެ.

އެ މައްސަލައަކީ ދައުލަތުގެ އާންމު މަސްލަހަތާއި ގުޅުން ހުރި މައްސަލައެއް ކަމުން އެމައްސަލާގައި ދައުލަތުގެ ފަރާތުން ކޯޓުގައި ތަމްސީލު ކުރައްވާނީ ބަންޑާރަނައިބު ކަމަށް ސުޕުރީމް ކޯޓުގެ އަމުރުގައި ބުނެފައިވެ އެވެ.

އެހުރިހާކަމަށް ބަލާއިރު ނިލަންދޫ ކޯޓަށް އެމައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅައި އެމައްސަލަ ސިވިލް ކޯޓާ ހަވާލުކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވަނީ އަމުރުކޮށްފަ އެވެ.