ރަމަޟާން މަހާ ދިމާކޮށް ކައުންސިލުން ރަށު ރައްޔިތުންނަށް ދޭ ހަދިޔާ އެއްގެ ގޮތުގައި ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ބަހަން ކ. ހިންމަފުށީ ކައުންސިލުން ނިންމައިފި އެވެ.

ހިންމަފުށީ ކައުންސިލްގެ ރައީސް ޝާން އިބްރާހިމް މިއަދު ސަން އަށް ވިދާޅުވީ، ކައުންސިލުން ދޭ ރޯދަ ހަދިޔާ އެއްގެ ގޮތުން ރަށުގެ ކޮންމެ ރަށްވެއްސަކަށް 200 ރުފިޔާ ބަހަން ނިންމާފައިވާ ކަމަށެވެ.

ކައުންސިލަށް އެކި ގޮތްގޮތުން ލިބިފައިވާ އެ ފައިސާ ބަހަން ނިންމާފައި ވަނީ، ރަމަޟާން މަހުގެ ދެ ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހާ ހަމައަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ރަށުގެ ކޮންމެ ގެއެއްގެ ވެރި ފަރާތުން އެ ގެއެއްގައި އުޅޭ މީހުންގެ އައިޑީ ކާޑު ހިފައިގެން އައުމުން އެ ފައިސާ ލިބޭނެ ކަމަށެވެ.

ހިންމަފުށީގެ އާބާދީއަކީ 1074 މީހުންނެވެ. އެ ރަށު ކައުންސިލުން އެރަށުގެ ކޮންމެ ރައްޔިތަކަށް 200 ރުފިޔާގެ އިނާޔަތެއް ދޭން ނިންމާފައިވާ އިރު، އެކަމަށް ޖުމްލަ 214800 ރުފިޔާ އަރަ އެވެ.

ޝާން ވިދާޅުވީ، ރޯދަ މަހާ ދިމާކޮށް އެރަށުގެ ހުރިހާ ސަރުކާރުގެ މުވައްސަސާއެއް ގުޅިގެން ރަށުގެ ރައްޔިތުންނަށް ބޮޑު މާހެފުމެއް މިމަހުގެ ފަސް ވަނަ ދުވަހު ބާއްވަން ރާވަމުން އަންނަ ކަމަށެވެ.