01 Jun 2016, 14:03
ރަންދިހަ ފަހެއްގެ ނޫޓުތައް ތައާރަފްކުރުމުގެ ކުރިން ބޭނުންކުރަމުންދިޔަ ނޫޓްތަކުގެ ތެރެއިން 87 ޕަސެންޓް ނޫޓް އެމްއެމްއޭ އަށް ލިބިފައިވާ ކަމަށް އެއޮތޯރިޓީން ބުނެފި އެވެ.
އެމްއެމްއޭގެ އިންފޮމޭޝަން އޮފިސަރު މަންސޫރު ޒުބެއިރު މިއަދު ސަން އަށް ވިދާޅުވީ ކުރީގެ ފައިސާގެ ތެރެއިން 2.5 ބިލިއަން ރުފިޔާގެ ނޫޓްތައް މިހާރު ލިބިފައިވާ ކަމަށެވެ. އެއީ ކުރީގެ ނޫޓުތަކުގެ 87 ޕަސެންޓެވެ.
ބާކީ 13 ޕަސެންޓުގެ ނޫޓް އަދި ނުލިބޭއިރު އެފައިސާ ބޭނުންކުރެވޭނެ މުއްދަތު ހަމަވާނީ އަންނަ މަހުގެ ނިޔަލަށެވެ.
އެމްއެމްއޭ އިން ބުނީ މިމުއްދަތުގެ ތެރޭގައި 2.8 ބިލިއަން ރުފިޔާގެ ރަންދިހަފަހެއްގެ ނޫޓްތައް އިގްތިސާދަށް ނެރެފައިވާ ކަމަށެވެ.
ރަންދިހަ ފަހެއްގެ ނޫޓު ސީރީޒްތައް ތައާރަފްކޮށްފައި ވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ.